ލަންޑަން (ޖޫން 9): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޔޫރަޕްގައި އިއުލާން ކުރި ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ތިން މިލިއަނަށް ވުރެ ގިނަ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖު ލަންޑަނުން އެ ދިރާސާ ހަދާފައި ވަނީ ޔޫރަޕްގެ 11 ގައުމެއް ކަމަށްވާ އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަރުމަނު، އިޓަލީ، ނޯވޭ، ސްޕެއިން، ސްވިޑެން، ސުވިޒަލޭންޑް އަދި އިނގިރޭސިވިލާތުގައި މިދިޔަ މަސް ފެށުމާ ހަމަޔަށް ވައިރަސް ފެތުރުނު މިންވަރު ބަލައިގެންނެވެ. އޭރު ކޮވިޑް-19 ބަލި ޖެހިގެން އެގައުމުތަކުން 130،000 ވަރަކަށް މީހުން ވަނީ މަރުވެފަ އެވެ.

އެ ދިރާސާގައި ބަލި ފެތުރޭ މިންވަރަށް ބަލައި، ފުރަބަންދުގެ ފިޔަވަޅުތައް ނޭޅި ނަމަ ބަލީގައި މަރުވާނެ މީހުންގެ އަދަދު ލަފާ ކުރި އެވެ. އަދި އިމްޕީރިއަލް ކޮލެޖުން ލަފާ ކުރާ ގޮތުގައި ވިޔަފާރިތައް ބަންދު ކުރުމާއި މީހުން ގޭގައި ތިބުމަށް އެންގުން ފަދަ ފިޔަވަޅުތައް ނޭޅި ނަމަ، މިދިޔަ މަހުގެ ހަތަރެކާ ހަމަޔަށް ޔޫރަޕުން 3.2 މިލިއަން މީހަކު މަރުވީހެވެ.

އޭގެ މާނައަކީ ފުރަބަންދުގެ ފިޔަވަޅުތަކާ ގުޅިގެން ޔޫރަޕުން 3.1 މިލިއަން ފުރާނަ ސަލާމަތްވެފައިވާ ކަން ކަމަށް ސައިންޓިފިކް ޖާނަލް، ނޭޗާގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައިވެ އެވެ. އަދި އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ 470،000 މީހުންނާއި ފްރާންސުގެ 690،000 މީހުންނާއި އިޓަލީގެ 630،000 މީހުން ހިމެނޭ ކަަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ދިރާސާގައި ވަނީ ޔޫރަޕްގެ އާބާދީގެ ބޮޑު ބަޔަކަށް އަދި ބަލި ޖެހިފައި ނުވުމުންނާއި "ހާޑް އިމިއުނިޓީ"އަށް އަދި ވާސިލުވެފައި ނުވުމުން، ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުން އަނެއްކާވެސް ބަލި ފެތުރުމުގެ ނުރައްކާ އޮތްކަން ފާހަގަކޮށްފަ އެވެ.

އިމްޕީރިއަލް ކޮލެޖުގެ އިތުރުން އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބާކްލީއިން އިން ވަނީ އެގައުމާއި ޗައިނާ އާއި ދެކުނު ކޮރެއާ އާއި އީރާނާއި ފްރާންސުގެ ފުރަބަންދުގެ ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާކޮށްފަ އެވެ. އެ ޔުނިވާސިޓީގެ ރިޕޯޓުގައިވާ ގޮތުން އެފިޔަވަޅުތަކާ ގުޅިގެން އެގައުމުތަކުން 530 މިލިއަން މީހުންނަށް ބަލި ޖެހުން ހުއްޓުވުނެވެ.