10 Jun 2020, 09:56
ރާއްޖޭގައި އޮތް ސިޔާސީ ނިޒާމަކީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭގޮތަށް އޮތް ނިޒާމެއް ކަމަށާއި އެހެންވެ އެގޮތަށް ނިޒާމު ހިންގުމަށް ނިކަމެތިވާން ޖެހިއްޖެއްޔާ ނިކަމެތިވެސް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އިއްޔެ ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތައް މަޖިލީހުގައި ނެތަސް އެކަން އިހުސާސް ނުވާ ކަމަށެވެ.
ނަމަވެސް އެވާހަކަފުޅު ބަދަލުކުރައްވަައި ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ނަޝީދު ވަނީ މިއަދު އެދިވަޑައިގެންފަ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހިންގަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބައިމަދު ޕާޓީތަކާވެސް އެކުގައި ކަމަށެވެ. އަދި އެ ޕާޓީތަކަށް ހުރިހާ ހައްގުތަކަކާއި އިހުތިޔާރުތަކަކާއި ބާރުތަކެއްވެސް ލިބިދޭ ނިޒާމެއްގައި މަޖިލިސް ހިންގަން ބޭނުން ކަމަށްވެސް ވިދާޅުވި އެވެ.
"މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރާން ޖެހޭ ކަންކަން ބައެއް ފަހަރު އެބަ އަޅުގަނޑު ކުރާން ޖެހޭ. އެހެންނަމަވެސް އެއްވެސް ހާލެއްގައި އެއީކީއެއް ތާއަބަދުގެ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ހަމަތައް ގޮތުގައެއް އިއްޒަތްތެރި މެމްބަރުން ދެކެވަޑައި ނުގަތުމަށް އަޅުގަނޑު އެދެން." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީ މަޖިލީހުގައި ނެތީމާ ގޮނޑީގެ އަދަދުން ހުސްމިން ފާހަަގަ ނުވި ނަމަވެސް، މުޅި ސިޔާސީ ނިޒާމު ހިންގޭނީ ވާދަވެރިންނާއި އެކީގައި ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބަލައިގެންފައި އޮތީ މަލްޓި ޕާޓީ ޑިމޮކްރެސީއެއް ކަމަށާއި މިއީ އެއް ޕާޓީއެއްގެ ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މައިނޯރިޓީ ޕާޓީއަކުން އެދޭ ކަންކަން ހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ މެޖޯރިޓީ ޕާޓީއާ ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ ކަންކަން ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ އެއްޕާޓީ ގައުމެއް ނޫން. މިރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފް ކުރެވުނު ފަހުން. މިދިއަ ހައެއްކަ އިންތިހާބު. ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް އެނގިއްޖެ 2008، 2013، 2018، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެވެސް ހަތަރު އިންތިހާބު. ކައުންސިލް އިންތިހާބުގެ ތިން އިންތިހާބު. މީގެން އެއްވެސް އިންތިހާބެއްގައި މެޖޯރިޓީ ވޯޓު ޕޮޕިއުލާ ވޯޓު ރާއްޖޭގެ ރައްޔިތުން އެއް ބަޔަކަށް ޖުމްލަކޮށް ދީފަކާއެއް ނެތް." ނަޝީދު ވިދާޅުވި އެވެ.
އެހުރިހާ ކަމަކުން އެނގެނީ ރައްޔިތުން ބޭނުންވަނީ ހުރިހާ ޕާޓީއެއް ހިމެނޭގޮތަށް ނިޒާމު ހިންގަންކަން ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެކަން ކުރުމަށް ނިކަމެތިވާން ޖެހިއްޖެއްޔާ ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީއިން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން އޭނާއަށް އަނިޔާކޮށް ތަޅުމުން ނެރެފައިވާ މައްސަލާގަ އެވެ. ޕީޕީއެމް ޕީއެންސީއިން ބުނެފައިވަނީ އެގޮތަށް މެމްބަރުން އަމަލުކުރީ މަޖިލީހުގެ ރައީސް އަންގަވައިގެން ކަމަށެވެ. އަދި އެ މެމްބަރުންނަށް ރައްކާތެރި މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ ދެ ޕާޓީއިން ވަނީ ބުނެފަ އެވެ.