ވޮޝިންޓަން (13 ޖޫން 2020) : ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއް ރާވާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާ އޭނާ ބަލިކޮށްލެވޭވަރުގެ ކެންޑިޑޭޓެއް އެމެރިކާގައި ނުހުންނާނެ ކަމުގައެވެ. މިއާއެކުވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ދެން އަމަލުކުރާނެގޮތުގެ ރޭވުންތަކެއް އެބަހުރިކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންރޭވުންތަކެއް ކަމާއި އެ ރޭވުންތަކުގެ ތަފްސީލު، ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އޮޅުވާލުމަކީ ޓްރަމްޕް ކުރައްވަފާނެ ކަމެއްކަމަށް ވިދާޅުވެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މަޝްހޫރު ޓީވީ ޕްރޮގްރާމެއް ކަމަށްވާ "ދި ޑެއިލީ ޝޯ ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބު ވަގަށްނަގައި ނަތީޖާ އޮޅުވާލުމަކީ ޓްރަމްޕް ކުރައްވަފާނެ ކަމެއް ކަމަށާއި އެއީ ނެތްފުރުސަތެއްކަމަށް ބެލެވެން ނެތްކަމުގައެވެ. އެމެރިކާގެ އިންތިޚާބުތަކާބެހޭ އިދާރާ މުސްތަގިއްލު ނަމަވެސް ވޯޓާ ކުޅުމަކީ ޓްރަމްޕަށް ނުކުރެވޭނެ ކަމެއްނޫންކަމަށާ އިންތިޚާބުގެ ނަތީޖާ އޮޅުވާލަފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ބައިޑެން ވިދާޅުވިއެވެ.

ނަމަވެސް ވޯޓާ ކުޅެފިނަމަ އަދި ނަތީޖާ އޮޅުވާލައިފިނަމަ އެމެރިކާ ސިފައިން އެކަން ގަބޫލުނުކުރާނެކަމަށާ އެފަދަ ހާލަތެއްގައި އެމެރިކާ ސިފައިން ބާރުގެ ބޭނުންކޮށްގެންނަމަވެސް ޓްރަމްޕް ވައިޓް ހައުސް އިން ނެރޭނެކަމުގެ ޔަގީންކަން އޮތްކަމަށް ބައިޑެން ވިދާޅުވިއެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލަފާނެކަމުގެ ކަންބޮޑުވުން އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާ ކެންޑިޑޭޓަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ދެހާސް ސޯޅާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވެސް ރަޝިއާއިން ނުފޫޒު ފޯރުވިކަމަށް ގިނަ ތުހުމަތު ކުރެވިފައިވެއެވެ. ނަމަވެސް އެކަން ސާބިތުވާ މިންވަރަށް ހެކިލިބިފައިނުވާ ކަމަށް އެމައްސަލަ ބެލި އެމެރިކާގެ ޚާއްސަ މުހައްގިގު ރޮބަޓް މުލާގެ ރިޕޯޓްގައިވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އެގައުމުގެ ރިޔާސީ އިންތިޚާބު އޮޅުވާލަފާނެކަމުގެ ކަންބޮޑުވުން އިދިކޮޅު ކެންޑިޑޭޓަކު ފާޅުކުރުމަކީ އެމެރިކާގެ ސިޔާސީ ނިޒާމު ތިންވަނަ ދުނިޔޭގެ ދަރަޖައަށް ވެއްޓިގެންދިޔުންކަމަށް އެމެރިކާގެ ބައެއް މުހައްލިލުން ސިފަކުރައްވައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެތަށް ކަމެއްވަނީ ތިންވަނަ ދުނިޔޭގެ ފެންވަރުގައި ނޫނީ އެއަށްވުރެވެސް ދަށުދަރަޖައެއްގައިކަން ހާމަވެގެން ގޮސްފައިވެއެވެ.

މީގެތެރޭގައި ކޮވިޑް-19 އާ ކުރިމަތިލުމުގައި އެމެރިކާގެ ސިއްހަތާބެހޭ ނިޒާމާއި ހިންގުމުގެ ނިޒާމުގެ ބަލިކަށިކަން ހާމަވެގެން ދިޔުމާއި އެމެރިކާގައި އާދަޔާ ޚިލާފަށް ސިޔާސީ ގަޑުބަޑުއޮތްކަމާއި އެމެރިކާގެ މިނިވަން މުއައްސަސާތަކަށް ބާރާއި ނުފޫޒު ފޯރުވަން ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާކަންވެސް ހާމަވެގެން ދިޔުން ހިމެނެއެވެ.

މީގެއިތުރުން އެމެރިކާ ފުލުހުންގެ އަނިޔާވެރިކަން ކުރިޔަށްވުރެ ބޮޑަށް ދުނިޔެއަށް ހާމަވެގެން ދިޔުމާއި އެމެރިކާގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވެއްދުމަށް ރައީސް މަސައްކަތްކުރެއްވި މަންޒަރު ފެނިގެން ދިޔުން ހިމެނެއެވެ. މިއާއެކު އެމެރިކާގެ ރިޔާސަތާއި ސްޓޭޓްތަކުގެ ގަވަރުނަރުންގެ ކޯޅުންތައްވެސް ވަނީ ހާމަވެގެން ގޮސްފައެވެ. (ރޮއިޓާސް + ޖަރުމަނު ނޫސްއެޖެންސީ)