ވޮޝިންޓަން (13 ޖޫން 2020) : ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކޮށްފައި ވަނިކޮށް ބެއިޖިންއިން އެ ރޯގާގެ ކޭސް ތަކެއް ފެނުމުން އެސިޓީގެ ދަނޑުވެރިކަމުގެ އެންމެބޮޑު މާރުކޭޓް "ޝިންވާދީ" ބަންދުކޮށްފިއެވެ.

"ޝިންވަންދީ" ބަންދުކޮށްފައި މިވަނީ ބެއިޖިންގްގައި ހުންނަ އެއްގަމުމަހުގެ ރީސާޗްތަކާބެހޭ މަރުކަޒުގައި މަސައްކަތްކުރާ ދެމީހަކަށާއި އިތުރު ހަތަރު މީހަކަށް ކޮވިޑް-19 ޖެހުމާ ގުޅިގެންނެވެ. "ޝިންވާދީ" އަކީ އެއްގަމުމަހުގެ ބާވަތްތައް ގިނައަދަދަކަށް ވިއްކާ ބާޒާރެކެވެ.

ޗައިނާގެ ސިއްހަތާބެހޭ މަރުކަޒީ އިދާރާ "ނެޝަނަލް ހެލްތު ކޮމިޝަން" އިން ނެރުނު ބަޔާނެއްގައިވަނީ ބެއިޖިންގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ފެންގްޓައި އިން ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ފެނިފައިވާކަމަށާ އެއީ މިއަހަރު ގައުމުން ބޭރަށް ގޮސްފައިވާ ބައެއް ނޫންކަމަށް ބުނެފައެވެ.

މި ކޭސްތަކާ ގުޅިގެން ޗައިނާގެ ކަމާބެހޭ ފަރާތްތަކުންވަނީ ބެއިޖިންގްގެ "ޝިންވާދީ" މާރުކޭޓު ބަންދުކުރުމުގެ އިތުރުން ދެކުނުގެ ފެންގްޓައި ސަރަހައްދުގެ ބޮޑުބައެއް އަވަސް ގޮތަކަށް ފުރަބަންދު ކޮށްފައެވެ.

ޗައިނާއިންވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރިކަން ރަސްމީކޮށް އިޢުލާނު ކުރުމަށްފަހު ފުރަބަންދުގެ ފިޔަވަޅުތައް އުވާލައި އިގްތިސާދީ މަސައްކަތްތަކާއި އެތެރޭގެ ހުރިހާ ބާވަތެއްގެ ދަތުރުތަކެއްވެސް މިދިޔަ މަހު އަލުން ފަށާފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ފެންނަ ކޮވިޑް-19 ގެ ކޭސްތަކަކީ ބޭރުގައުމުތަކުގައި އުޅުމައްފަހު ޗައިނާއަށް އެނބުރި އަންނަ އެގައުމުގެ ރައްޔިތުންގެ ތެރެއިން ފެންނަ ކޭސްތަކެކެވެ.

އެކޭސްތައް ފެނުނު މީހުން ތިބީ އެއާޕޯޓާ ކައިރީގައިވާ ކަރަންޓީނު މަރުކަޒުތަކުގައި ކަމުން އެމީހުންގެ ކިބައިން ޗައިނާގެ އެތެރެއަށް ކޮވިޑް-19 ފެތުރޭނެކަމުގެ އެއްވެސް ބިރެއްނެތްކަމަށް އެގައުމުން ބުނެފައިވެއެވެ.

ޗައިނާއިން ކޮވިޑް-19 އެއްކޮށް ނައްތާލެވުނުކަން އެގައުމުގެ ސަރުކާރުން އިޢުލާނުކޮށްފައެއް ނުވެއެވެ. ކޮވިޑް-19 އެއްކޮށް ނައްތާލެވުނުކަން މިހާތަނަށް ރަސްމީ ސިފައެއްގައި އިއުލާނުކޮށްފައިވަނީ ނިއުޒިލޭންޑުންނެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރިކަން 18 ގައުމަކުން އިއުލާނުކޮށްފައިވެއެވެ.

ބެއިޖިންގް އިން ފެނުނު ކޮވިޑް-19 ގެ 6 ކޭސް އާ ގުޅިގެން ޗައިނާގެ "ނެޝަނަލް ހެލްތު ކޮމިޝަން" އިން ވަނީ އެ 6 މީހުންނަށް އެރޯގާ ޖެހުނު ގޮތުގެ ހަގީގަތް ބެލުމުގެ މަސައްކަތް ފަށާފައެވެ. (ނޫސްއެޖެންސީތައް)