މިދިޔަ ބުދަ ދުވަހު މާލޭ ގެސްޓަހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.

އެގާރަ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ އަންހެން ކުއްޖާ ރޭޕް ކުރީ އެ ކުއްޖާ މަގުމަތީގައި ހުއްޓާ ގެސްޓްހައުސްއަކަށް ގެންގޮސްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް "ސަން"އަށް ވިދާޅުވީ، މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދީފައި ވަނީ ހަތް ދުވަސް ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރަން ޕީޖީ އޮފީހުން އެދުނަސް ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކުރީ ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް މަދުވުމުންނެވެ. ނަމަވެސް، މިހާރު ދީފައިވާ ބަންދުގެ ހަތް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހަމަކޮށްގެން، ބަންދުގެ މުއްދަތު އިތުރު ކުރަން އެދޭ އިރު، ޝަރީއަތް ނިމެންދެން ބަންދު ކުުރުމުގެ އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެއް ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮސެކިއުޓާ ޖެރެނަލްގެ އޮފީހުގައި އެދިވަޑައިގެންފައިވެއެވެ. ސީޕީ ހަމީދު މިފަދަ އަމުރަށް އެދިވަޑައިގެންފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، މިފަދަ އަމުރަކަށް ކޮމިޝަނަރު އޮފް ޕޮލިސް، ޕީޖީ އޮފީހުގައި އެދުނު ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ އެގާރަ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލަ ބަލަމުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތައް އެކުގައި، އެކަމުގެ ޝިކާރައަކަށްވި ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.