16 Jun 2020, 01:32
ސްކޫލްތައް އަލުން ހުޅުވާއިރު ދެން ކްލާހެއްގައި ގިނަވެގެން ތިބޭނީ 15 ކުދިންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއިން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅުތަކާއެކު ކްލާސްތަކުގެ ސައިޒް ކުޑަކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
"ކްލާހެއްގައި ދެން ގިނަވެގެން ތިބޭނީ 15 ކުދިން. ދެން މުދައްރިސަށް ދަރިވަރުން އުޅޭ ނޫޅޭ ގޮތް ވަަރަށް ރަނގަޅަށް ދެން ބެލެހެއްޓޭނެ. އޭގެ އިތުރުން ސްކޫލަށް ދާ ވަގުތުކޮޅުވެސް ކުޑަވާނެ. އަޅުގަނޑުމެން މިހާރު ރާވާލައިފައި އޮތް ގޮތުން ކޮންމެ ދުވަހެއްގައި ދަރިވަރުން ސްކޫލްގައި ހޭދަކުރާނީ 45 މިނެޓްގެ ހަަތަރު އެކެޑަމިކް ޕީރިއަޑް،" މިނިސްޓަރު ވިދާޅުވިއެވެ.
ދެން ހުރި ވަގުތުތަށް ހާއްސަކުރާނީ ދަރިވަރުންގެ ހުން ބެލުމާއި އަތް ދޮވުން ފަދަ ކަންތައްތަކަށް ކަަމަށާއި އަދި ކުދިން ކުޑަކޮށް ބޭރަށް ނުކުމެ ހަރަކާތްކޮށްލުމަށްވެސް ކުޑަ ހުސްވަގުތުކޮޅެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދަރިވަރުން ކްލާހުގައި އުޅޭގޮތް ވަރަށް ރަނގަޅަށް ބެލިގެންދާނެ. މާސްކް އެޅުމުގެ ކަންތަކުގައި އަޅުގަނޑުމެން މިބަލަނީ ފިޒިކަލް ޑިސްޓެންސްސިން ބެހެއްޓޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހު ސްކޫލްތައް ހުޅުވައި އެކަކުން ފެށިގެން ހުރިހާ ގްރޭޑްތަކަަކު ކިޔަވައިދޭން ފަށަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެވެ. ނަމަވެސް މާލޭގައި ކިޔަވައިދޭން ނިންމާފައިވަނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.