ޖުލައި ފުރަތަމަ ދުވަހު މަތީ ގްރޭޑުތަކުގެ ކިޔެވުން ފެށުމުން، މިހާރު ގެނެސްދޭ ޓެލެކިލާސްތަކުގެ ޝެޑިއުލަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިނުމުގެ ދެވަނަ މަރުހަލާގެ ދަށުން، ކޮންމެ ދުވަހަކު ހަވީރު ކުޑަކުދިންނަށް ބޭރަށް ނުކުމެވޭ ގޮތަށް މިހާރު ވަނީ ހުއްދަ ދީފަ އެވެ.

އެހެން ނަމަވެސް އެ ގަޑިއާ ކުދިންގެ ޓެލެކިލާސްތައް ފުށުއަރާތީ ބައެއް ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޖުލައި އެއްވަނަ ދުވަހު މަތީ ގްރޭޑްތަކުގެ ކިޔެވުން ފެށުމުން، ޓެލެކިލާސްތަކުގެ ގަޑިތައް ރީޝެޑިއުލް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާ،" މަބްރޫކް ވިދާޅުވި އެވެ.

ޖުލައި ފުރަތަމަ ދުވަހުން ފެށިގެން، ބަލިމަޑުކަން ނުފެތުރޭ ރަށްރަށުގައި ގްރޭޑު އެކަކުން ފެށިގެން 12 އަށް ފޭސް ޓު ފޭސް ކޮށް ކިޔަވައިދޭން ވަނީ ނިންމާފަ އެވެ.

މާލޭގައި އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ހާޒިރުވާނީ ގްރޭޑު ނުވަޔަކުން މަތީގެ ގްރޭޑުތަކުގެ ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ސްކޫލުތައް ހުޅުވިނަމަވެސް ކިޔަވައިދޭނީ ހަތަރު ދުވަހުއެވެ. ފަސްވަނަ ދުވަހަކީ ޓީޗަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުވުމަށް އޮންނަ ދުވަހެވެ. ފޭސް ޓު ފޭސް ކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުން ސްކޫލުގައި ހޭދަކުރާނީ ހަތަރު ގަޑިއިރެވެ. އެއީ 45 މިނެޓުގެ ހަތަރު ގަޑި އެވެ.