19 Jun 2020, 16:22
ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދަށް ގެންދިޔުމުން މެޑިކަލް އިމާޖެންސީގައި ވައިގެ މަގުންނާއި ކަނޑުމަގުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ އެ އުސޫލަކީ މެޑިކަލް އިމާޖެންސީ އެއް ދިމާވާ ހާލުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އެއް ރަށުން އަނެއް ރަށަށް ބަލިމީހާ ގެންދިޔުމަށްޓަކައި އަމަލުކުރާނެ ގޮތް ހާމަކުރުމަށް އާންމުކޮށްފައިވާ އުސޫލެކެވެ. އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދާނެ ގޮތް އެ އުސޫލުގައި އާންމުކޮށްފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތުރުކުރާއިރު ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރު ނުކުރުމަށެވެ.
ބަލިމީހާ ބައިންދަން ވާނީ އުޅަނދުގެ ފަހަތު ސީޓުތަކުގައި ކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.
މަތިންދާ ބޯޓުގައި ބަލި މީހާ ގެންދާއިރު އަމަލު ކުރަން ޖެހޭނީ ތަފާތުކޮށެވެ. އެގޮތުން ބަލި މީހާ މަތިންދާ ބޯޓުން ގެންދާއިރު ބަލިމީހާއާއި އެހީތެރިޔާ އާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލި މީހާ ބައިންދަން ވާނީ ފަހަތު ސީޓުގައެވެ. އަދި ފަހަތު ސީޓު ވަށައިގެން ކޮންމެ ފަރާތަކުންވެސް ދެ ސީޓު ހުސްކުރަން އުސޫލުގައި ބުނެފައިވެ އެވެ.
ދަތުރުވެރިން ބޯޓަށް އަރުވާނީ ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށް ވުރެ ކުރީން ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލުގައި ކަނޑު އުޅަނދު ފަހަރުގައި ދަތުރުކުރާއިރު ބަލި މީހާ އުފުލާ އުޅަނދު ހުންނަން ޖެހޭނީ ވައި ދައުރުވާގޮތަށް ކަމަށް ބުނެފައިވެއެވެ.
އުޅަނދުން ދަތުރުކުރާ އެންމެންވެސް މާސްކު އެޅުމަށް އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލުގައި ވަނީ އުޅަނދު ސާފުކޮށްޑިސްއިންފެކްޓް ކުރާނޭ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.