ވޮޝިންޓަން (20 ޖޫން 20) : އެމެރިކާގައި ކަޅު ނަސްލުގެ މީހުން އަޅުންގެ ގޮތުގައި ގެންގުޅުމާއި އެމީހުން ގަނެވިއްކުމަށް ކުރަމުން ގެންދިޔަ ލާއިންސާނީ ވިޔަފާރި ނިމުމަކަށް ގެނައި ތާރީޚީ ދުވަހުގެ މުނާސަބަތުގައި އެތަށް ހާސްބަޔަކު މުޒާހަރާކޮށްފިއެވެ.

އެމެރިކާގެ އެތަށް ސިޓީއެއްގައި އެއްވަގުތަކު ކުރި މި މުޒާހަރާތަކުގައި މިލިޔަނަކަށްވުރެ ގިނަމީހުން ބައިވެރިވެފައިވާއިރު މުޒާހަރާކުރި މީހުން ގޮވާލާފައިވަނީ އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ އިމްތިޔާޒާއި ތަފާތުކުރުންތައް ނިމުމަކަށް ގެނައުމަށެވެ. އެމެރިކާގެ ކަޅު ނަސްލުގެ މީހުން އަޅުންގެ ގޮތުގައި ގެންގުޅުމާއި އެމީހުން ގަނެވިއްކުމަށް ކުރަމުން ގެންދިޔަ ލާއިންސާނީ ވިޔަފާރި މަނާކުރުމުގެ ތާރީޚީ ގަރާރު "އެމަންސިޕޭޝަން ޕްރޮކްލަމޭޝަން" ނެރުއްވީ 1863 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެކެއްގައި އެމެރިކާގެ އޭރުގެ ރައީސް އަބްރަހަމް ލިންކެން އެވެ.

އެމެރިކާގައި އަޅުންގެ ގޮތުގައި ކަޅުނަސްލުގެ މީހުން ވިއްކި ބާޒާރެއްގެ ކުރެހުމެއް

ނަމަވެސް "އެމަންސިޕޭޝަން ޕްރޮކްލަމޭޝަން"ގެ ގަރާރު ތަންފީޒުކޮށް އެމެރިކާއިން ކަޅު ނަސްލުގެ މީހުން އަޅުންގެ ގޮތުގައި ގެންގުޅުން ނިމުމަކަށް އައިސްފައިވަނީ 1865 އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ފެޑްރަލް ސިފައިން ގެ ލަޝްކަރުތަކުން އެގަރާރަށް އަމަލުކުރުމަށް ނިންމިކަން ޓެކްސަސްގެ ގަލްވެސްޓަން ސިޓީ ގައި އިޢުލާނު ކުރުމުންނެވެ. އެއީ އެމެރިކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައުމާއެކުގައެވެ.

އެމެރިކާގައި އަޅުން ގެންގުޅުމާއި އަޅުންގެ ވިޔަފާރި މަނާކުރުމުގެ ތާރީޚީ މުނާސަބާ ގެ އަހަރީ ދުވަސް މިއަހަރު ދިމާވެފައި މިވަނީ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގެ ފުލުހުން ގެންގުޅޭ ނަސްލީ އިމްތިޔާޒާއި އަނުޔާވެރިކަމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ ރައްޔިތެއްކަމަށްވާ ޖޯޖް ފްލޮއިޑް މިދިޔަ މޭމަހުގެ 25 ވަނަ މަރާލުމާ ގުޅިގެން އެމެރިކާގެ ރައްޔިތުން އެކަމާދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށް އުތުރި އަރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މި މުޒާހަރާތަކަށް މަސްދުވަސްވާން ގާތްވެފައިޥާއިރު ފުލުހުންގެ އަނިޔާވެރިކަމުގައި ކަޅު ނަސްލުގެ އިތުރު މީހަކުވެސްވަނީ މަރާލާފައެވެ. އެމެރިކާގެ ކަންކޮޅުތަކުގައި މުޒާހަރާތައް އާންމުވެ އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާއި އެމެރިކާގައި އޮންނަ ނަސްލީ އިމްތިޔާޒުގެ ލާއިންސާނިއްޔަތު ނިމުމަކަށް ގެނައުމަށް ގޮވާލައި ދޮން މީހުންނާއި ކަޅު މީހުން އެކުލެވޭގޮތަށް އެމެރިކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔަނަމަވެސް މިމައްސަލަ ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މާބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

މުޒާހަރާތަކާއެކު އެމެރިކާގެ އިމާރާތްތައް އަންދައި ގިނައަދަދެއްގެ ފިހާރަތަކާއި ޝޮޕިން މޯލްތައް ލޫޓުވާލާފައި ވާއިރު މިފަދަ ހަރުކަށި އަމަލުތައް ހިންގާފައިވަނީ މުޒާހަރާތަކުގެ ތެރެއަށް ވަދެގަތް ވަގުންނާއި މަސްތުވާތަކެއްޗަށް ދެވި ހިފައިވާ މުޖްރިމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި އަޅުން ގެންގުޅުން މަނާކުރުމުގެ ތާރީޚީ މުނާސަބާ ފާހަގަ ކުރުމަށް އިއްޔެ ކުރި މުޒާހަރާތައް

އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަން ހައްދު ފަހަނަޅާފައިވުމުގެ އިތުރުން ކަޅު ނަސްލުގެ މީހުންގެ އިންސާނީ ހައްގުތައް އެމެރިކާގައި ގެއްލެމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ އެމެރިކާ ވަރަށް ބޮޑަށް ފާޑުކިޔައި އެމެރިކާ ކުށްވެރިކޮށްފައެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނާ މިޗޭލް ބެޗްލެޓް ވަނީ އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނަސް ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުންވަނީ އެމެރިކާ ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފައެވެ.

މި ގަރާރުގައި ކަޅު ނަސްލުގެ މީހުންނާ މުއާމަލާތް ކުރުމުގައި އެމެރިކާގެ ފުލުހުން ގެންގުޅޭ ލާއިންސާނީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާއަށް ގޮވާލާފައިވެއެވެ. އަދި ޖޯޖް ފްލޮއިޑް އާއި އެނޫންވެސް އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެ މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށާއި މައްސަލަ ތަހްގީގްކޮށް އެޖަރީމާތައް ހިންގި އެމެރިކާ ފުލުހުންނަށް އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ. (ނޫސްއެޖެންސީތައް)