"ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

"ބަނޑޭރި ޕޭ" އަކީ ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް، ފިނޭންސް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް އެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ޝަރުއީ ދާއިރާއަށް ދައްކަން ޖެހޭ ފައިސާ،ބަނޑޭރި ޕޭ ޕޯޓަލްމެދުވެރިކޮށް ދެއްކޭނެ ކަމަށެވެ.

ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ޝަރުއީ ދާއިރާއަށް ދައްކަންޖެހޭ ފައިސާ، އެ ޑިޕާޓްމަންޓްގެ ބޭންކް އެކައުންޓަށް ބަލައިގަތުން ހުއްޓާލާނެކަމަށް ވެސް އިއުލާނުގައިވެ އެވެ.

ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް، އެކަމަށް ކަނޑައަޅާފައިވާ ފޯނު ނަންބަރަކަށް ނުވަތަ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.