24 Jun 2020, 22:04
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 22 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭއިން ޓްވީޓުކުރިގޮތުގައި އިއްޔެގެ 18:00ން މިއަދުގެ 18:00 އާއި ހަމަޔަށް އިތުރު 22 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު 10 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ އަށް ދިވެހިންނާއި، 13 ބަންގްލަދޭޝް ރައްޔިތުންނާއި އިންޑިޔާ އެކަކެވެ.
މިއާއިއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މި ވަނީ 2،260 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،839 އަށް އަރައިފަ އެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ބައްޔަށް ފަރުވާ ދެވެމުންދަނީ 408 މީހަކަށެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 139 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 314 މީހަކު މިވަގުތު އެބަ ތިއްބެވެ.
ކަމާއިބެހޭ ފަރާތްތަކުން ވަނީ ޖުމްލަ 45،185 ސާމްޕަލް މި ބައްޔަށް ޓެސްޓުކުރުމުގެ ތެރެއިން ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާރުކުރަން ޖެހުނު ސާމްޕަލްވެސް ހިމެނެ އެވެ.
ބަލީގައި މިހާތަނަށް އަށް މީހަކު ރާއްޖެއިން ނިޔާވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ މާރޗް 7 ވަނަ ދުވަހު އެވެ. މާލެއިން ބަލީގެ ފުރަތަމަ ކޭސް އޭޕްރިލް 15 ވަނަ ދުވަހު ފެނުމާއިއެކު މާލެ ސިޓީ ވަނީ ފުރަބަންދު ކުރެވިފަ އެވެ.
ދެ މަސް ދުވަހުގެ މުއްދަތަކަށްފަހު މިހާރު މާލެ ސިޓީގައި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާއިއެކު މަޑުމަޑުން އާ އާންމު ހާލަތަށް ގައުމު ދަނީ ރުޖޫއަވަމުންނެވެ.
މިގޮތުން އިއްޔެ ސަރުކާރުން ވަނީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެކަމަށް އިއުލާންކޮށްފައެވެ. އަދި ސްކޫލް، ރެސްޓޯރެންޓް، ޖިމް ފަދަ ތަންތަންވެސް ޖުލައި މަސް ފެށުމާއިއެކު ހާއްސަ ސަލާމަތީ މިންގަނޑުތަކާއިއެކު ހުޅުވާލުމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.