25 Jun 2020, 13:23
ކޮވިޑް19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގަތީ ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް ކަވަރރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސަޖިކަލް އަންގި އެވެ.
އެ ރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.