މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މެމްބަރު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ސަފާރީގައި ބިދޭސީ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް ހިނގާދިޔަ ކަންކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ޖިންސީ ގޯނާލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާ ކަމަށާއި އެހެންކަމުން މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ މިކަމުގައި ސަރުކާރާ ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާ ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުއްލި މައްސަލައެއް ހުށަހަޅުއްވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 174 ވަނަ މާއްދާގައި ބުނާ ނަތީޖާ ހާސިލްކުރުމަށްޓަކައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިޔާލު ހާމަކުރުމަށްޓަކައި ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅަމެވެ." ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންްގެ ތެރެއިން 35 މެމްބަރުންގެ ވޯޓުން ކުއްލި މައްސަލައަށް ބަހުސް ކުރަން ވަނީ ފާސްވެފަ އެވެ.

ސަފާރީގައި އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުށުގެ ވެށިން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ މިހާރު މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ބަލަން ވަނީ ނިންމައިފަ އެވެ.