ޖަޕާނުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އަހްމަދު މަނިކު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަމީތު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އިބްރާހިމް އުވައިސް އެވެ.

އަމީތު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާއަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

މިހާރު އަމީތަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.