06 Jul 2020, 13:49
ޣައްޒާ (ޖުލައި 6) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފި އެވެ.
ޣައްޒާގެ މަސްއޫލުވެރިންނާ ހަވާލާދީ ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީ ބުނާގޮތުން އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ޙަމަލާދީފައި ވަނީ ޣައްޒާގެ އިރުމަތީގެ އައްޒައިތޫނާ އަވަށުގައިވާ ދަނޑުތަކަކަށެވެ. މިހަމަލާތަކުގެ ސަބަބުން ދަނޑުތަކުގެ ބައެއްގައި ރޯވެފައިވާއިރު މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެ އެވެ.
އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައިވަނީ އެގައުމުގެ އަސްކަރީ ޖެޓްތަކުން ޣައްޒާގައިވާ ޙަމާސް ޖަމާއަތުގެ އަމާޒުތަކަކަށް އިއްޔެ ވައިގެ ހަމަލާތަކެއް ދިންކަމަށާއި އެހަމަލާތަކުގައި ހަމާސްގެ އަސްކަރީ އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ގެއްލުންތަކެއް ދިންކަމުގަ އެވެ. މި ހަމަލާތައް ދިނީ އިސްރާއީލުގެ ބައެއް އަވަށްތަކަށް ހަމާސްއިން ރޮކެޓް ހަމަލާތަކެއް ދިނުމުން ކަމަށް ވެސް އިސްރާއީލުގެ ބަޔާން ބުނެ އެވެ.
ނަމަވެސް އިސްރާއީލުގެ އެއްވެސް އަމާޒަކަށް ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ހަމަލާއެއް ނުދޭ ކަމަށް ފަލަސްތީނުގެ ޖަމާއަތްތަކާ ހަވާލާދީ އަނަތޯލިޔާ ބުނެ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާދެނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގެ ތެރެއިންނެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި އެބިންތައް ވެރިކޮށް އެތަންތަނުގެ މިލްކިއްޔާތު އިސްރާއީލަށް ބަދަލުކުރަމުން ގެންދާ އިރު ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމަކީ ނުވަތަ އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށް ޙަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ޝަރުޢީ ހައްގެއްކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެ އެވެ.
އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައިވާތާ 15 އަހަރުވެފައިވާއިރު ވެސް ޣައްޒާއަށް އެއްގަމު މަގުން އަރައި ޣައްޒާގެ ބިމުގައި ފައިހަރުކޮށްލުމުގެ ކުޅަދާނަކަން އިސްރާއީލުގެ ބާރުގަދަ އަސްކަރިއްޔާއަށް ލިބިފައެއް ނުވެ އެވެ.
އިސްރާއީލުން ޙަމާސް ޖަމާއަތް ނައްތާލުމުގެ ޝިއާރުގެ ދަށުން ހަތަރު ފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކޮށްފައިވެ އެވެ. މިއިން އެއްވެސް ހަނގުރާމައަކުން އިސްރާއީލަށް ޙަމާސް ވެސް އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތެއްވެސް ބަލިކޮށްލެވިފައެއް ނުވެ އެވެ.
މީގެ އިތުރުން އެޖަމާއަތްތަކުން އިސްރާއީލަށް ދޭ ޖިހާދުގެ ޙަމަލާތައް ދިނުންވެސް ހުއްޓުވިފައެއް ނުވެ އެވެ.
(އަނަތޯލިއާ)