ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހަތަރު މެންބަރުންގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސްގެ އިތުރުން މެންބަރުންގެ ގޮތުގައި ތިއްބަވާ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އާއި އައިޝަތު އަފިރީން މުހައްމަދުގެ އެވެ.

ހަތަރު މެންބަރުންގެ އިތުރުން ދެން އެ ކޮމިޝަނުގައި ހުންނަވަނީ ނައިބް ރައީސް މުހައްމަދު ޒާހިދު އެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވުން

  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
  • ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު
  • ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު
  • ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

އެ ފޯމްތައް ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނައިރު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 ދެމެދު އެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.