11 Jul 2020, 16:37
މާގިރި ހޮޓަލާ ގުޅޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފަތުރާ މީޑިއާތަކާއި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމާމެދު ވިސްނަމުން އަންނަ ކަމުގެ އިންޒާރު އެ ހޮޓަލުން ދީފިއެވެ.
ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމާ އެކު އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ފުރަބަންދުގައި އެ ހޮޓަލުގައި އުޅެފައިވާ ގޮތް ފެންނަ ސީސީޓީވީ ފުޓޭޖް ލިބިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ވަރަށް ތަފްސީލް ރިޕޯޓުތަކެއް އާންމުކޮށްފައެވެ.
އެގޮތުން އެ މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަހުލާގީ މައްސަލަތަކެއް އެ ވީޑިއޯތަކުން ފާހަގަވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފުރަބަންދުުގައި މާގިރި ހޮޓެލް އިން ސަރުކާރުން ކުއްޔަށް ނެގި އެއް ބުރީގައި ތިބީ އަލީ ވަހީދާއި މިނިސްޓްރީގެ މުވައްޒަފުންނެވެ. މީޑިއާ ރިޕޯޓުތަކުގައި ކޮޓަރިތަކުގެ ރޫމް ނަންބަރާއެކު، ކޮންމެ ކޮޓަރިއެއްގައި ތިބި މުވައްޒަފުންގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފައެވެ.
މާގިރި ހޮޓެލްގެ އިންޒާރެއް މީޑިއާތަކަށް ލިބުނީ އެ ރިޕޯޓުތަކާ ގުޅިގެންނެވެ.
މާގިރި ހޮޓެލް އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އެ ހޮޓެލްގެ ކޮންމެ ގެސްޓެއްގެ ޕްރައިވެސީ ކަށަވަރުކުރާ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އަދި ހޮޓެލްގެ ސީސީޓީވީ ފުޓެޖެއް އެއްވެސް މީހަކަށް ވެސް އަދި މީޑިއާ އެޖެންސީއަކަށް ވެސް ހިއްސާކޮށްފައި ނުވާނެ ކަަމަށެވެ. އަދި އެ މައުލޫމާތާ ފުށޫއަރާ އެއްވެސް ވާހަކައެއް މީޑިއާގައި އުޅޭ ނަމަ އެއީ ދޮގެއް ކަމަށްވެސް މާގިރި ހޮޓަލުންް ބުންޏެވެ.
"މާގިރި ހޮޓެލް އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނާއި މީޑިއާ އައުޓްލެޓްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމާމެދު މި ހޮޓަލުން މި އަންނަނީ ވިސްނަމުން،" މާގިރި ހޮޓަލުން ބުންޏެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭއިރު، މިފަހުން މާގިރި ހޮޓެލްގައި ބޭއްވި "ޕާޓީއެއްގައި" ވެސް އަލީ ވަހީދު އެފަދަ އަމަލެއް ހިންގާފައިވާކަމަށް މިނިސްޓްރީގެ މުވައްޒަފަކު ވަނީ "ސަން" އަށް ބުނެފައެވެ.
މީގެ އިތުރުން މާގިރި ހޮޓެލުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބި ކޮޓަރިތަކަށް، ރޭގަނޑު ދަންވަރު، މިނިސްޓްރީގެ މުވައްޒަފުން ނޫން އެހެން ބަޔަކު ވެސް ވައްދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.