ރ. އުނގޫފާރު ކުޑަކުދިންގެ ޕާކު ތަރައްގީކޮށް، ބެލެހެއްޓުން އެ ރަށު، ހާޓް، އަހުމަދު ރީހާންގެ އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން އެ ރަށުގެ ޕާކު އާރްއެޗް ހޯލްޑިވްސްއާ ހަވާލު ކުރި އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެއެވެ. އެ ޕާކް ތަރައްގީކުރުމަށް އާރްއެޗް ހޯލްޑިންގްސްއާ ހަވާލު ކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އާރްއެޗްއިން ވަނީ ޕާކުގެ ޕާކުގެ އިންޓީރިއާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ. އެގޮތުން އެންމެން އެކީގައި ފުޓުބޯޅަ ބެލޭނެ ފަދަ ސްކްރީނެއް ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ. އަދި އެތަނުގައި އާއިލާއާ އެކު ގޮސް ތިބެވޭނެ ކެފޭއެއް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޕްލޭ އޭރިއާގައި އިތުރު ސާމާނު ބަހައްޓައި، މިހާރު އެތަނުގައި ހުރި ދެ ފިހާރަ ތަރައްގީކޮށް، ކުޑަކުދިންނަށް އިތުރު ސާމާނު ލިބޭ ގޮތް ހެދުމަށްވެސް ވަނީ ނިންމައިފައެވެ. އަދި އާއިލާތަކަށް ތިބެވޭނެހެން ބެންޗު ބަހައްޓަންވެސް ވަނީ ނިންމައިފައެވެ.