އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގެ ހެޓްރިކާއެކު މެންޗެސްޓާ ސިޓީން ބްރޮއިޓޮން ހޯވް އެލްބިއޯގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ލަނޑު ޖަހައިފި އެވެ.

ބްރައިޓޮންގެ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ ކުރި ހޯދައިގެންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ސިޓީ ދެ ވަނައިގައި އޮތީ 35 މެޗުން 72 ޕޮއިންްޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ހަތަަރު ވަނައިގައި އޮތް ލެސްޓާ ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަނަ މަގާމަށް އެރޭނެ އެވެ. ލެސްޓާ މި ވަގުތު ހަތަރެއްގައި އޮތީ 34 މެޗުން 59 ޕޮއިންޓާ އެކު އެވެ.

މެންޗެސްޓާ ސިޓީން ލީގުގެ ދެވަނަ ކަށަވަރުކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާފައި އޮތް ނަމަވެސް އެ ޓީމަށް އަދި އެ ފުރުސަތު ޔަގީނެއް ނުވެ އެވެ. ސްވިޒަލޭންޑްގެ ލުޒާންގެ ސްޕޯޓްސް އަބިޓްރޭޝަން ކޯޓަށް ސިޓީން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައަށް މިއަދު ހުކުމް އިއްވާނެ އެވެ. ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތުން ސަސްޕެންޑް ކޮށްފައިވާ ސިޓީއަށް މާދަމާ ކޯޓުން ހުކުމް އަންނާނެ ގޮތެއް ނޭންގެ އެވެ.

ސިޓީއިން 2012 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އާ ހިލާފުވުމުގެ ސަބަބުން ޔޫރަޕްގެ މުބާރާތްތަކުން ދެ ސީޒަނަށް ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ސިޓީން މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ދުވަސްތަކުގައި އޮންލައިންކޮށް އަޑުއެހުންތައް ބާއްވައި މިހާރު ވަނީ އެންމެ ފަހުގެ ނިންމުން އިއުލާން ކުރަން ތައްޔާރުވެފަ އެވެ.

މިއަދުގެ ވަގުތެއްގައި ސިޓީގެ ޗެމްޕިއަންސް ލީގުގެ މުސްތަގުބަލަށް ގޮތެއް ނިންމިގެން ދާނެކަން އެކުލަބަށް އިނގިފައި އޮތް ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ކުޅުނީ އެކަމުގެ ޕްރެޝަރެއް ނެތް ފަދައިންނެވެ. އެގޮތުން ރޭގެ މެޗުގައި ސިޓީއިން ފަސް ގޯލު ޖެހި އިރު އޭގެ ތެރެއިން ތިން ގޯލު ޖެހީ ސްޓާލިންގް އެވެ. މިއާ އެކު މި ސީޒަނުގައި ސްޓާލިން ވަނީ ހުރިހާ މުބާރާތެއްގައި 27 ގޯލު ހަމަކޮށްފަ އެވެ. ސިޓީގެ އަނެއް ދެ ގޯލު ޖެހީ ބެނާޑޯ ސިލްވާ އާއި ގަބްރިއެލް ޖީސޫސް އެވެ.

މީގެ އިތުރުން ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އަށް ވަނީ އިތުރު ހާސްކަމާއި ކުރިމަތިލާން ޖެހިފަ އެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް މެކް ގޯލްޑްރިކް އެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި އޮލީ މެކް ބުރުނީ ކާމިޔާބު ކުރީ އެންޑާ ސްޓީވަންސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ތިން ވަނަ ލަނޑު 77 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގޯލްޑްރިކް އެވެ.