12 Jul 2020, 16:48
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އިސްތިއުފާދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ޚަދީޖާ އަބްދުﷲ ވަނީ ބުރާސްފަތި ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
މި ތިން މެމްބަރުން އިސްތިއުފާ ދެއްވި އިރު، މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ މި ތިން މެމްބަރުންގެ އިތުރުން އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ސުލައިމާން މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކުރީ ބުދަ ދުވަހުއެވެ.
އެ ހަތަރު މެމްބަރުންނަކީ ވެސް ކުރީގެ ސަރުކާރުން އެންއައިސީއަަށް އައްޔަންކޮށްފައިވާ މެމްބަރުންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދު އެވެ. ޖިހާދު ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ތިން މެމްބަރުން އިސްތިއުފާ ދެއްވާފައި ވާއިރު، ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭނެއެވެ.
އެންއައިސީއަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.