14 Jul 2020, 13:25
ކެލިފޯނިއާގެ ލޭކް ޕިރޫއިން އިއްޔެ ފެނުނު މަރުވެފައިވާ މީހެއްގެ ހަށިގަނޑަކީ ގެނބިގެން ހޯދަމުންދިޔަ "ގްލީ"ގެ އެކްޓަރު ނާޔާ ރިވޭރާ ކަމަށް ފުލުހުން ބުނެފި އެވެ.
ނާޔާ ގެއްލުމާއެކު ފުލުހުން އޭނާ ހޯދަން ފަށާފައިވާ އިރު އެކަމާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު އެމެރިކާ ގަޑީން 1700 (ރާއްޖޭގެ ގަޑީން ފަތިހު 0500) ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ގެއްލުނު އެކްޓަރު ހޯދަމުން ދިޔަ ކެލިފޯނިއާގެ ވެންޗުރާ ކައުންޓީ ޕޮލިސް ޑިޕާޓްމެންޓްގެ ސްޕޯކްސްޕާސަން ގާޖަންޓް ކެވިން ޑޯނަހިޔޫ ވަނީ ލޭކް ޕިރޫއިން ފެނިގެން ގޮސްފައި ވަނީ ނާޔާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އަދި އޭނާ ހޯދުމަށް ޓަކައި ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް ސާޖަންޓް ކެވިން ވަނީ އަލިއަޅުވާލައިފަ އެވެ. އޭނާ ވިދާޅުވީ ނާޔާ ހޯދުމަށްޓަކައި ސޯނާ އާލާތް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑޯނަހިޔޫ އިތުރަށް ވިދާޅުވީ ނާޔާ އަމިއްލައަށް މަރުވާން އުޅުނު ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި އޭނާ މަރުވީ ލޭކް ތެރެއަށް ގެނބިގެން ކަމަށް ބެލެވޭ ކަމަށް ސާޖަންޓް ވިދާޅުވި އެވެ.
ކެލިފޯނިއާގެ ކޯރަކަށް ނާޔާ ގެނބިގެން އޭނާ ހޯދަން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގަ އެވެ.
ކެލިފޯނިއާގެ ލޭކް ޕައިރޫ ނަމަކަށް ކިޔާ ރެޒެވޮޔާއައަށް ނަޔާ ގޮސްފައި ވަނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާއެކުގަ އެވެ.