15 Jul 2020, 07:21
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކަށް ހިތްވަރު ލިބޭ ކަންކަން ޖަމިއްޔާތަކުން ނުކުރުމަށް ޖަމްއިއްޔާތަކާ ބެހޭ ކަންކަމުގެ މެންޑޭޓް ހަވާލުކޮށްފައިވާ ޔޫތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ސަލާމަތާ ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ބައެއް ޖަމިއްޔާތަކުން ސޯޝަލް މީޑިއާ އަދި އެހެނިގެން ޕްލެޓްފޯމްތަކުގައި ދައްކަމުންދާ ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅުކުރުމަށް ބާރު އެޅުމުގެ ގޮތުން އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން އެ ހައްގުގެ ބޭނުން ކުރުމަށް މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
އެގޮތުން އިސްލާހުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެވާހަކަތައް ދެއްކުމަކީ ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ބިނާކުމުގެ މުހިންމު އަސާސެއްކަންވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
"ނަމަވެސް ގާނޫނާ ގަވައިދާ ހިލާފަށް ކަނޑައެޅިގެން ހިންގާ ރާއްޖޭގެ ގައުމީ ސަލާމަތަށާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ހަރަކާތްތަކަށާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރުލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫގެ ބޭރުން ހިނގާ ކަންތައްތަކެއް ކަމުގައި މިނިސްޓްރީން ދެކެމެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މި ބަޔާން ނެރުނު އިރު މަދަނީ ޖަމްއިއްޔާތަކުން އިންތިޒާމްކޮށްގެން މާލޭގެ މަގުތަކުގައި މި ފަހުން ވަނީ މުޒާހަރާތަކެއް ކޮށްފަ އެވެ. އެގޮތުން ޖިންސީ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލުމާއި މަޖިލިސް ޒިންމާދާރު ކުރުމުގެ ގޮތުން ވެސް މަޖިލިސް ދޮށުގައި މުޒާހަރާކޮށްފައިވެ އެވެ. މީގެ އިތުތުން، ބިދޭސީންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ފެންމަތި ކުރުމުގައި ވެސް މަދަނީ ޖަމްއިއްޔާތަކުން މަސައްކަތްކޮށްފައިވެ އެވެ.
ޔޫތް މިނިސްޓްރީއިން ޖަމްއިއްޔާ ޖަމާއަތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން އިރު، އިއްޔެ ހޯމް މިނިސްޓްރީއިން ވެސް ވަނީ މާލޭ ސަރަހައްދުގައި ކާނިވާ ސަރަހައްދު ނޫން އެހެން ތަނެއްގައި މުޒާހަރާއެއް ނޫނީ އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާ ނަމަ، އެކަން ކުރަން ވާނީ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، އެމްޑީޕީއިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު ވައުދުވެފައި ވަނީ، އެ އިސްލާހު އުވާލާ މުޒާހަރާ ކުރުމުގެ މިނިވަންކަން ދޭނެ ކަމަށެވެ. އެ ކަމާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅާފައި އޮންނަތާ އަހަރެއް ވުމާ ގާތްވެފައިވާ އިރުވެސް، އެމްޑީޕީގެ މެޖޯރިޓީއެއް އޮންނަ މަޖިލީހުން އެ އިސްލާހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.