16 Jul 2020, 15:01
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިޔަރިން އެއިޑް ޓްރަޔަލް، ފިޓިންގް އަދި ޕްރޮގްރާމްކުރުމާއި ވިއްކަން ފަށައިފި އެވެ.
ހިޔަރިންގް އެއިޑް އަކީ އަޑުއިވުން ގެއްލިފައިވާ މީހުންގެ އަޑުއިވުން އަލުން އިޔާދަކުރުމަށް އެހީވެދޭ އާލާތެކެވެ. ހިޔަރިން އެއިޑް އެންމެ ބޮޑަށް ބޭނުންވަނީ ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް ނުވަތަ އަޑުއެހުމުގެ ނާރުތަކުގެ އިހުސާކުރުމުގެ ބާރުދަށްވެފައިވާ ހުންނަ މީހުންނަށެވެ.
ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް އަކީ އެއްވެސް ބޭހަކުން ނުވަތަ އޮޕަރޭޝަނަކުން ރަނގަޅު ކުރެވޭ ކަމެއް ނޫނެވެ. ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް މެދުވެރިވަނީ ކަންފަތުގެ އެތެރޭގައިވާ ކުދި ކުދި ހެޔަރ ސެލްތައް ހަލާކުވުމުގެ ސަބަބުންނެވެ.
ހިޔަރިންގް އެއިޑްގައި ހިމެނެނީ މައިގަނޑު ގޮތެއްގައި 3 (ތިން) ބައެވެ. އެއީ މައިކްރޮފޯން، އެމްޕްލިފަޔަރ އަދި ރިސީވަރެކެވެ. ހިޔަރިންގް އެއިޑްގައި ހިމެނޭ މައިކްރޮފޯންގެ ޒަރީއާއިން އަޑު ނަގައި އެ އަޑު އިތުރަށް ބާރުކޮށް އިލެކްޓްރިކަލް ސިގްނަލްސްގެ ގޮތުގައި އެމްޕްލިފަޔަރ މެދުވެރިކޮށް ކަންފަތަށް ހިޔަރިންގް އެއިޑްގެ ރިސީވަރުން ފޯރުކޮށްދެއެވެ.
ހިޔަރިންގް އެއިޑްގެ އެކި ވައްތަރުތަށް ހިމެނެއެވެ. މީގެ ތެރޭގައި ކަންފަތުގެ ބޭރުންނާއި އެތެރެއިން ލައްވާ ހިޔަރިންގް އެއިޑް ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ކަރުންމަތީގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިން އަޑު އިވުމުގެ މިންވަރު އަންގައިދޭ އޯޑިއޮމެޓްރިކް ޓެސްޓްތަށް ހިންގުމަށްޓަކައި އަޑު އިވުމާއި ގުޅޭ ހުނަރުވެރި އޯޑިއޮލޮޖިސްޓުން ހަރަކާތްތެރިވެ އެވެ. އަޑު އިވުމުގެ ޓެސްޓް ހެދުމަށް ފަހު އެމީހާއަށް އެންމެ އެކަށީގެންވާ ހިޔަރިންގް އެއިޑްއެއް ހިޔާރުކުރުމަށްޓަކައި އޯޑިއޮލޮޖިސްޓުން ލަފާދޭނެ އެވެ.
އަޑުއިވުން އެންމެ ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމައްޓަކައި ހިޔަރިންގް އެއިޑް ޓެސްޓް ކުރުމަށް ޓެސްޓް ފިޓިން ހަދައި ޕްރޮޤްރާމް ކުރުމުގެ ހިދްމަތްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.
ހިޔަރިންގް އެއިޑްގެ މައިގަނޑު މަގްސަދަކީ އަޑު އިވުން ފުރިހަމަ ކުރުން ކަމުގައި ވީނަމަވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެތަކެއް ބޭނުންތެރި ބައިތައް ހިޔަރިންގް އެއިޑްގައި އެކުލެވެ އެވެ.
މިގޮތުން ފަސޭހައިން ޗާޖް ކުރެވޭ ވަސީލަތްތަކާއި، ބްލޫ ޓޫތް ކަނެކްޝަން، ޓީވީ އަދި އެހެނިހެން ޑިވައިސްތަކަށް ކަނެކްޓް ކުރެވުމާއި، އެކި ކަހަލަ މާހައުލުގެ އަޑުތައް ކެންސަލް ކުރެވޭ ގޮތް ހުރުން ހިމެނެ އެވެ.