16 Jul 2020, 16:07
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި 42 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޓްވީޓުކުރި ގޮތުގައި މިއަދު ނިޔާވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މިހާތަނަށް މި ބަލީގައި ނިޔާވި އުމުރުން އެންމެ ހަނގު ދިވެއްސެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި އެމީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 12:25 ހާއިރުއެވެ.
އެ މީހާގެ މަރާއެކު ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިގެން 15 މީހަކު ވަނީ ނިޔާވެފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި 2،831 މީހުންނެވެ. އޭގެ ތެރެއިން، 2،321 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 481 އެވެ.
މި ބަލި ޖެހިގެން އެންމެ ފުރަތަމަ މީހަކު ރާއްޖެއިން މަރުވެފައި ވަނީ، މިދިޔަ އެޕްރީލް މަހު 29ގައެވެ.