19 Jul 2020, 13:34
ހުޅުމާލޭގެ މަގުމައްޗަށް ވާގޮތަށް ބައެއް ރައްޔިތުން އިންދާފައިވާ ގަސްތައް އެޗްޑީސީ އިން ނެގުމާ ގުޅިގެން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މީގެ ކުރިންވެސް އެޗްޑީސީ އިން ވަނީ މަގުމަތީ ޕޭވްމެންޓާއި މަގުމައްޗާ ދެމެދު ގަސް އިންދަން ހާއްސަކޮށްފައި އޮންނަ ތަންކޮޅުގައި އާންމުން އިންދާފައިވާ މޭވާ އަޅާ ގަސްތައް ނަގައިފަ އެވެ. އަދި ފްލެޓުތަކުގެ ބޭރުގައި، އިންދާފައިވާ ގަސްތަކުގެ ތެރެއިން ފްލެޓުގެ އިމުން ބޭރުގައިވާ ގަސްތައްވެސް އެޗްޑީސީ އިން ނެގި އެވެ.

ހުޅުމާލޭގެ ފްލެޓުތަކަކާ އިންވެގެން އޮންނަ ބިމެއްގައި ހައްދާފައިވާ ގަސްތައް -- ފޮޓޯ ޓްވިޓާ
އޭގެ ފަހުންވެސް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި، ޕޭވްމެންޓާއި މަގާ ދެމެދު އޮންނަ "ރޯޑް ވާޖް" ގައި އާންމުންގެ ބައެއް ފަރާތްތަކުން ކާނާ އަޅާ ގަސް އިންދާފައި ހުރެ އެވެ. އަދި ފްލެޓުތަކުގެ ބޭރަށް ވާގޮތަށް އޮންނަ ހުސް ބިމުގައިވެސް ގަސް އިންދާފައި ހުރެ އެވެ. މީގެ ތެރޭގައި ގިނައީ މޭވާ އަޅާ ގަހާއި ތަރުކާރީ އަދި އެކިބާވަތްތަކުގެ ފަތްޕިލާވެއްޔެވެ. އެގޮތުން ފަތްކެޔޮ، މިރުސް، ބިލެތް، ފެޝަން ފުރުޓު، އަނބު އަދި ހިކަނދިފަތާއި ރާނބާފަތް އަދި މުރަނގަފަތް ފަދަ ރާއްޖޭގައި އާންމުކޮށް ހައްދާ އުޅޭ ބާވަތްތަކުގެ ގަސްތައް އިންދާފައި ހުރެ އެވެ.
އެޗްޑީސީ އިން ބުނީ ރޯޑް ވާޖުގައި އިންދާފައި ހުރި މޭވާ އަޅާ ގަސްތައް ނެގީ، އެ ތަންތަނަކީ ވަކި ބާވަތްތަކެއްގެ ގަސް އިންދުމަށް ހާއްސަ ތަންތަނަށް ވެފައި، ބައެއް ގަސްތަކުގެ މޫ ދެމިގެންދާގޮތުން މަގުގައި އަޅާފައިވާ ތާރު ފަށަލައަށް ގެއްލުންވެ، މަގު ހަލާކުވާނެތީ ކަމަށެވެ.

ހުޅުމާލޭގެ ފްލެޓުތަކަކާ އިންވެގެން އޮންނަ ބިމެއްގައި ހައްދާފައިވާ ގަސްތައް -- ފޮޓޯ ޓްވިޓާ
ހުޅުމާލެއަކީ ޕްލޭން ކުރެވިގެން ތަރައްގީ ކުރާ ރަށަކަށްވެފައި، އެޗްޑީސީ އިން މަގުމަތީ އިންދާ ގަސްތަކަކީ ކޮށާ، އެއްވަރު ކުރަން ފަސޭހަ ގަސްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ގަސްތައް ހެދި، ދިގުވާ ވަރަކަށް ގަސްތައް ކޮށާ ހެދުމަކީ ވެސް މުހިއްމު ކަމެއް. ހާއްސަކޮށް ބަސް އަދި ހެވީ ވެހިކަލްތައް ދުައްވާ މަގުތަކުގައި އެފަދަ ވެހިކަލްތައް ދުއްވަން އުނދަގޫ ނުވާގޮތަށް ބޭއްވުން މުހިއްމު،" އެޗްޑީސީ އިން ބުންޏެވެ.
އާންމުން ހައްދާފައިވާ ގިނަ އަދަދެއްގެ ކާބޯތަކެތި އަޅާ ގަސްތަކަކީ އެމީހުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށް ކުރާ މަސައްކަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ނަގަނީ އެސަަރަހައްދުގައި އޮންނަ ހުސް ޖާގަ ޕާކަކަށް ހެދުމަށް ކަމަށް އެޗްޑީސީ އިން ބުނެފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ފްލެޓުތަކުގެ ގްރައުންޑް ފްލޯގައި އުޅޭ ރައްޔިތުން، މަގުމައްޗާ ވީ ސަރަހައްދުގައިވެސް ގަސް ހައްދައި، އިންދާފައި ހުރެ އެވެ.
އާންމުންގެ ހިޔާލުތަކާއި ޝުއޫރުތަކަށް ޖަވާބުދެމުން އެޗްޑީސީ އިން ބުނީ ފުޑް ސެކިޔުރިޓީ ހަރުދަނާ ކުރުމުގެ މަސައްކަތަށް އެ ކުންފުނިން ފުރިހަމައަށް ސަޕޯޓު ދޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ރައްޔިތުންނަށް އާބަން އަދި ކޮމިޔުނިޓީ ގާޑެނިން ޕްރޮޖެކްޓުތަކަށް ބިން ދޫކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހުޅުމާލެއަކީ ރަނގަޅަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރެވޭ ސަސްޓެއިނަބަލް ސިޓީއަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ" ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.