މަޝްހޫރު ސުޕަނެޗުރަލް ޑެއިލީ ސޯޕް ކަމަށްވާ "ނާގިން"ގެ ފަސް ވަނަ ސީޒަނުގެ ތަރިއަކަށް ހީނާ ޚާން ހަމަޖައްސައިފި އެވެ.

ނާގިންގެ ފަސްވަނަ ސީޒަނުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު އެ ޕޯސްޓަރުގައި ފެނިގެންދަނީ ކަސޯޓީ ޒިންދަގީ ކޭގައި ކޮމޯލިކާގެ ރޯލު ކުޅުނު އެކްޓްރަސް ހީނާ ޚާން އެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ނާގިންގެ ހަތަރު ވަނަ ސީޒަން ދެއްކުން މެދުކަނޑާލާނެކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން މިއަހަރު ކުރީކޮޅު އެކްތާ ބުނީ ނާގިންގެ ފަސް ވަނަ ސީޒަނެއް އަންނާނެ ކަމަށާއި އެ ސީޒަން ކުރީ ސީޒަންތަކަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ.

"ނާގިން 4"ގެ ލީޑް ތަރިންނަކީ ނިއާ، ޖޭސްމިން ބާސިންގެ އާއި ވިޖެޔަންދުތަ ކުމޭރިއާ އެވެ. މި ސީޒަނުގައި ޓީވީ އެކްޓަރު ހީރަޖް ދޫޕަރް ވެސް ފެނިގެންދާނެއެވެ. އެކްތާ ކަޕޫރުގެ ނާގިން އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ.

ނާގިންގެ ފުރަތަމަ ދެ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ މޯނީ ރޯއި އާއި އަދާ ޝަރްމާ އެވެ. އަދި ނާގިންގެ ތިންވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ކަރިޝްމާ ތަންނާ އާއި ސުރުބީ ޖްޔޯތީ އަދި އަނީތާ ހަސަންއަންދާނީ އެވެ.