ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނެވުމަށް ރައީސް ސޯލިހު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ދިދަ ނެގުމުގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި މިނިވަން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ. އެ ދުއާ މިއަދު ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް ނަސްރުﷲ އަލީ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ރައީސްލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިންނެވިއެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީ މިނިވަން ދުވަހުގެ އިހްތިފާލުތައް މިއަހަރު ނުބާއްވާނެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ދެން އޮންނާނީ ރައީސް ސޯލިހު ގައުމާ މުހާތަބުކުރެއްވުމެވެ. އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ މިއަދު 10:00 ޖަހާއިރުގައެވެ.