26 Jul 2020, 22:37
ކޮވިޑް19 އާއި ގުޅިގެން މިވަގުތު އެޑްމިޓްކޮށްގެން 63 މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ވެންޓިލޭޓަރުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު ޑީއެޗް16 ގައި އެކަކު، އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 62 މީހަކު އެބަތިބި ކަމަށެވެ. މީގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ އައިސީޔޫ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ ބިދޭސީއަކަށް ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
މިވަގުތު 544 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު އޭގެ ތެރޭ ހިިމެނެނީ 464 ދިވެހިންނާއި 108 ބިދޭސިންނެވެ.
ރާއްޖޭގައި މިހާތަނަށް 3،302 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭ 1،454 ދިވެހިން ހިމެނެއެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ. މި ބަލީގައި 15 މީހަކު ރާއްޖޭގައި މަރުވެފައިވާއިރު 2،534 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.