ވޮޝިންޓަން (އޮގަސްޓް 9) : އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެވެސް ބޮޑުވެ ހާލަތު އިތުރަށް ގޯސްވާން ފަށައިފި އެވެ. ސިއްހަތާބެހޭ އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވީ މިހާލަތުގައި އަންނަ ޑިސެމްބަރު މަހާ ހަމައަށްދާއިރު ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވާމީހުންގެ އަދަދު ތިންލައްކައަށް އަރާނެކަމުގަ އެވެ.

ސިއްހަތާބެހޭ އެމެރިކާގެ ތަޖްރިބާކާރުން ލަފާކުރައްވާ ގޮތުގައި އެމެރިކާއަށް ކޮވިޑް-19 ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ކޮވިޑް-19ގެ ވަބާއިން އެމެރިކާ ސަލާމަތްވާނީ އެރޯގާއަށް ވެކްސިން އެއް ހޯދިގެން ނުވަތަ ބޭހެއް ހޯދިގެންނެވެ. އެމެރިކާގެ ހާލަތު ހުރިގޮތުންނާއި އެމެރިކާ ރައްޔިތުންގެ އުޅުމާއި ސުލޫކު ހުންނަގޮތުން އެހެން ބައެއް ގައުމުތަކުގައި ކޮންޓްރޯލް ކުރިގޮތަށް އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް އެފަރާތްތަކުން ދެކެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެމެރިކާގައި 160،000 މީހުން މިހާތަނަށް މަރުވެފައިވާއިރު އެމެރިކާގައި އެރޯގާ ޖެހުނު މީހުންގެ އަދަދުވަނީ ފަސް މިލިޔަނަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިހާރުވެސް އެމެރިކާގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް ދޮޅު ހާހާއި ދެހާހާ ދެމެދުގެ އަދަދެއްގެ މީހުން އެވްރެޖްކޮށް މަރުވެ އެވެ. މިގޮތުން ފާއިތުވި 24 ގަޑީއިރު ތެރޭގައި ވެސް ކޮވިޑް ޖެހިގެން އެމެރިކާގައި 2000 މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް މިހާރުވެފައި ވަނީ އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބަލިކަމުގައެވެ.

މިހާލަތުގައި އަންނަ ޑިސެމްބަރު މަހާ ހަމައަށްދާއިރު ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވާމީހުންގެ އަދަދު ތިންލައްކައަށް އަރާނެ ކަމަށާއި އަދި އެމެރިކާގައި އެރޯގާ ޖެހުނު މީހުންގެ އަދަދުވެސް އަށް މިލޔަނަށް އަރާނެކަމަށް އެމެރިކާގެ ކަމާބެހޭ ތަޖްރިބާކާރުން އަންދާޒާކުރައްވަ އެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ގެ ޖަނާޒާއަށް އެމެރިކާގައި ތައްޔާރުކޮށްފައިވާ ސަންދޯއްތަކެއް

މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްކުރި މީހުންގެ އަދަދުވަނީ 20 މިލިޔަނާ ގާތްވެފަ އެވެ. އަދި މުޅި ދުނިޔޭން އެރޯގާގައި މަރުވި މީހުންގެ އަދަދުކަމަށް ރިޕޯޓްކޮށްފައިވާ އަދަދުވެސް ހަތްލައްކައަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްސާކުރަނީ އެމެރިކާ، ބްރަޒިލް އަދި އިންޑިއާ މިތިން ގައުމުގައި އެރޯގާ ޖެހުނު މީހުންނެވެ.

ކޮވިޑްގެ ސަބަބުން އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއްވެސް ހިއްސާ ކުރަނީ މިތިން ގައުމު ކަމަށާ އެރޯގާ ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނުކުޅެދިފައިވަނީވެސް އެ ތިން ގައުމު ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ނިއުޒިލޭންޑް، ތައިލެންޑް، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކެވެ. މިގައުމުތަކުގެ ތެރެއިންވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބީ ނިއުޒިލޭންޑެވެ.

ކޮވިޑް-19 އަށް ވެކްސިން އެއްހޯދުމުގެ ރިސާޗްތަކާއި މަސައްކަތްތައް ހިމެނޭ 100 އަށް ވުރެ ގިނަ ރީސާޗް މަޝްރޫއު އެކި ގައުމުތަކުން ކުރިޔަށް ގެންދާއިރު އޭގެ ތެރެއިން ހަ ވެކްސިންއެއް ކާމިޔާބުވުމުގެ މަގުމަތީގައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެއެވެ. ނަމަވެސް އެޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި މީގެތެރެއިން ގިނަ ވެކްސިން ތައްޔާރު ކުރެވި އިންސާނުންގެ ގަޔަށް ޖެހޭވަރުވާނީ އަންނަ ޑިސެމްބަރުމަހު ނޫނީ 2021 ވަނައަހަރުގެ ކުރީކޮޅުގައެވެ. (ނޫސްއެޖެންސީތައް)