12 Aug 2020, 13:16
އަވަސް އޮންލައިންގެ ޗީފް އެޑިޓަރު (މުންޑޫ) އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަތައް ބަލައިދިނުމަށް އެދި 73 ނޫސްވެރިންގެ ސޮޔާ އެކު ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މޯލްޑިވިސް މީޑިއާ ކައުންސިލް، ޖެންޑާ މިނިސްޓްރީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވި އެ ޕެޓިޝަންގައި ބުނެފައި ވަނީ "އަވަސް އޮންލައިން"ގެ ޗީފް އެޑިޓަރު އާދަމް ހަލީމް އެ ނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކާއި މުވައްޒަފުންތަކަކަށް ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަތަކެއް ޓުވިޓާގައި އާންމުކޮށްފައިވާ ކަމަށެވެ.
ނޫހެއްގެ އިތުބާރުކުރެވޭ އިސް ފަރާތަކަށް މިފަދަ ތުހުމަތުތަކެއް ކުރުމަކީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕެޓިޝަނުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކަކާއި ރައްކާތެރި މާހައުލެއް ފަހިކޮށްދީ އަދި މަސައްކަތުގައި ދެމިތިބުމަށް އިންތިހާއަށް ހިތްވަރުދޭން ޖެހޭ އިރު، ދާއިރާގައި ތަޖުރިބާކާރު އަދި ޝަރަފުވެރި އެވޯޑުތައް ލިިފައިވާ ފަރާތަކުން މަސައްކަތުގެ މާހައުލުގައި މިފަދަ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އާދަމް ހަލީމް މީގެ ކުރިން ވީމީޑީއާގައި މަސައްކަތްކުރެއްވި އިރު އެތަނުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި ހަމަލާ ދޭ ވީޑިއޯއެއް އާންމުވެފައިވާކަން ވެސް ޕެޓިޝަނުގައި ފާހަގަކުރި އެވެ.
ޕެޓިޝަނުގައި ސޮއިކުރި ނޫސްވެރިން އެދިފައި ވަނީ މިފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑުތަކާއި ޝަރަފުތައް އަނބުރާ ނެގުމާ މެދު ވިސްނުމަށެވެ. އަދި މި މައްސަލަތައް ބަލައި އެކަން ސާބިތުވާ ނަމަ ހައްގު އަދަބުދީ، ފިޔަވަޅު އެޅުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލައިފަ އެވެ.
އެގޮތުން އާދަމް ހަލީމަށް ނޫސްވެރިކަމުގެ ރޮނގުން 2010 ވަނަ އަހަރު ސަރުކާރުން ދީފައިވާ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން "ނޫސްވެރިކަމުގެ ރަން ގަލަން" އޭނާގެ ކިބައިން އަތުލުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.
"އަދި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭ ނަމަ އެ އެވޯޑަކާއި ޝަރަފުތައް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމުކޮށް، އަދި އެ އުސޫލުތައް ތަންފީޒުކުރުމަށް ވެސް އަޅުގަނޑުމެން ނޫސްވެރިން އެދެމެވެ." ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ނޫސްވެރިންގެ ޕެޓިޝަނުގައި އިތުރަށް އެދިފައި ވަނީ މުސްތަގުބަލުގައި ވެސް އެއްވެސް އިދާރާއަކުން އެވޯޑުތައް ދޭ އިރު މިފަދަ ސީރިއަސް ތުހުމަތުތައް ކުރެވޭ މީހުންނަށް އެތަކެތި ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށެވެ.
ނޫސްވެރިންގެ ޕެޓިޝަނުގައި ބުނީ މިއީ ނޫސްވެރިކަމުގެ ދާއިރާގެ އަގު ހިފެހެއްޓުމަށާއި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފައްދައި އަންހެނުންނާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް ކަމަށްދެކޭ ކަމަށާއި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ މީހުންގެ ހައްގުގައި މަސައްކަތްކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެންހާ މުއައްސަސާތަކުގެ ކިބައިން އެދޭ ކަމަށެވެ.
މި ޕެޓިޝަނުގައި 19 މީޑިއާ އެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ސޮއިކޮށްފައިވެ އެވެ.
އާދަމް ހަލީމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން އޭނާގެ ކޮމެންޓެއް ހޯދުމަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.