16 Aug 2020, 11:46
ނިއުދިއްލީ (އޮގަސްޓް 16) : އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ އިންޑިއާގެ ސިފައިން ކުރިމަތިލާނެ ކަމަށާއި ނަމަވެސް އަވަށްޓެރިންނާ ގުޅުންތައް ރަނގަނޅު ކުރަން މަސައްކަތްކުރައްވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން އިއްޔެ ފާހަގަކުރި އެގައުމުގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ދިގު ތަގްރީރުގައި މޯދީ ވިދާޅުވީ އިންޑިއާއާއި ޗައިނާ ގުޅިފައިވާ ސަރަހައްދީ ރޮނގު (ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް) އާއި އިންޑިއާއާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގު (ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް އިންޑިއާގެ މިނިވަންކަމާއި އިސްތިގްލާލަށް ގޮންޖެހުން ކުރިމަތިވާ ކަމަށާއި އިންޑިއާ އެންމެ ބޮޑު އިސްކަމެއްދެނީ އެގައުމުގެ މިނިވަންކަމާއި އިސްތިގްލާލުގެ ދިފާއުކުރުމަށެވެ.
މިގޮތުން އިންޑިއާ ސިފައިން ވަރުގަދަ ގައުމީ ރޫހެއްގައި އެގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އަމިއްލަ ވަންތަކަން ދިފާއުކުރާނެކަމަށް ވިދާޅުވެ މޯދީ ވާހަކަ ދެއްކެވި އެވެ. އަދި އިސްތިގަލާލު ދިފާއުކުރުމުގެ ކުރީސަފުގައި ތިބޭ އިންޑިއާގެ އަސްކަރީ ބާރުތަކަށް މޯދީ އިންތިހާއަށް ތައުރީފު ކުރެއްވި އެވެ.
ނަމަވެސް އިންޑިއާގެ ދެ ދުޝްމަނުންކަމަށްވާ ޕާކިސްތާނާއި ޗައިނާއަށް މޯދީ ސީދާގޮތެއްގައި ބަހުގެ ޙަމަލާތައް ދެއްވާފައެއް ނުވެ އެވެ. އޭގެބަދަލުގައި އެދެގައުމަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވި ނަމަވެސް މޯދީގެ ޚިތާބު އަމާޒު ކުރައްވާފައި ވަނީ އެދެގައުމާ ގުޅުންތައް ރަނގަނޅުކޮށް މަސްރަހު ފިނި ކުުރުމުގެ މައްޗަށެވެ.
ނަމަވެސް އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު އިންޑިއާއިން ދުޝްމަނުންގެ ކުރިމަތީގައި އަމިއްލަ މިނިވަންކަމާއި އިސްތިގްލާލުގެ ދިފާއުކޮށް މިނިވަން މުސްތަގިއްލު ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް މޯދީ ދެއްވި 84 މިނިއްޓުގެ ދިގު ތަގްރީރުގައި ވިދާޅުވި އެވެ.

އިންޑިއާއާއި ޗައިނާ ގެ ސަރަހައްދީ ރޮނގުގައިވާ ގަލްވާން ވާދީ ގައި ތިބޭ އިންޑިއާ ސިފައިން
އިންޑިއާއާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް ދެގައުމުން ވަރަށް ގިނައިން ޙަމަލާތައް ބަދަލުކުރަމުން ގެންދިޔަނަމަވެސް އިންޑިއާއާއި ޗައިނާ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް ޙަމަލާތައް ބަދަލުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެއްފަހަރަށް ވުރެ ގިނަ ފަހަރު ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާއާއި ޗައިނާއިން ޙަމަލާތައް ބަދަލުކޮށްފައިވެ އެވެ.
މީގެތެރެއިން ގިނަ ޙަމަލާތައް ބަދަލުކޮށްފައި ވަނީ އޮއްގަލާއި ލަޓިބުރިފަދަ ތަކެތިންކަމަށް ވިޔަސް މިދިޔަ މަހު ޗައިނާއިން ވަނީ ސަރަހައްދީ ރޮނގުގައިވާ ޗައިނާގެ ބިމެއްކަމަށްވާ ލަޑަކް ސަރަހައްދަށް އިންޑިއާ ސިފައިން ގަވައިދާ ޚިލާފަށް ތަކުރާރުކޮށް ވަންނަމުންދާ ކަމަށްބުނެ ބަޑިއާއި އެނޫންވެސް ހަތިޔާރު ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއްދީ އިންޑިއާ ސިފައިންގެ 20 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފަ އެވެ.
ޗައިނާގެ އެ ޙަމަލާއަށް ރައްދުދޭން އިންޑިއާއަށް ކެރިފައެއްނުވެ އެވެ. އެހެންކަމުން ޗައިނާ ދިން ވަރުގަދަ ޙަމަލާތަކަށް ފަހު ދެގައުމުގެ ސަރަހައްދީ ރޮނގަށް މިހާރު ވަނީ ހިމޭންކަން އައިސްފަ އެވެ. ނަމަވެސް ޗައިނާގެ ވަރުގަދަ ޙަމަލާގެ ސަބަބުން އިންޑިއާއަށް ލިބުނު ކުއްލި ސިހުމާއެކު ޗައިނާގެ ކުރިމަތީގައި އިންޑިއާގެ މިނިވަންކަމާއި އިސްތިގްލާލް ދިފާއުކުރާނެކަމަށް ވިދާޅުވެ މިދިޔަ މަހު މޯދީ ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މިއާއެކު މޯދީ އަމަލުކުރައްވާފައިވަނީ ރައްދު ޙަމަލާ ނުދީ މަސްރަހު ފިނިވާ ގޮތަށެވެ.
ޗައިނާއިން ވަނީ އެގައުމަކީ އެއްވެސް ގައުމަކަށް އިސްވެ ޙަމަލާދޭނެ ގައުމެއް ނޫންކަމަށާއި ނަމަވެސް ޗައިނާއަށް އަމާޒުވާ އެހެންގައުމުތަކުގެ އުދުވާނީ ޙަމަލާތަކަށް ހަރުކަށި ރައްދުދޭނެކަން އެގައުމުތަކުން ދަންނަންވާނެ ކަމަށް ބުނެ ޗައިނާއިން އިންޑިއާއަށް ވަރުގަދަ އިންޒާރެއް އެދުވަސްވަރު ދީފައިވެ އެވެ.
އަނެއްކޮޅުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާއާއި ޕާކިސްތާނުން ވައިގެ ވަރުގަދަ ޙަމަލާތަކެއްވެސް ބަދަލުކޮށްފައިވެއެވެ. މިއީ 1999 ގައި ހިނގި ކަރްގީލް ހަނގުރާމައަށްފަހު އިންޑިއާއާއި ޕާކިސްތާނުން ސީދާގޮތެއްގައި ބަދަލުކުރި ވައިގެ ފުރަތަމަ ޙަމަލާތަކެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ފަހު ހަފްތާގައި ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނުން އިންޑިއާއަށް ކަޝްމީރުގެ ހަނގުރާމަވެރިން ވަންކަމަށް ތުހުމަތުކޮށް އިންޑިއާއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަކަށް ވައިގެ ޙަމަލާތަކެއް ދިންކަމަށް އިންޑިއާ ބުންޏެވެ. ޙަމަލާތައް އަމާޒުކުރީ އިންޑިއާއަށް ވަންނަ ހަނގުރާމަވެރިން ތަމްރީން ކުރުމަށް ޕާކިސްތާނުން ބޭނުންކުރާ ސަރަހައްދަކަށް ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.

މިދިޔައަަހަރު ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ދެ ޖެޓްގެ ތެރެއިން އެއްޖެޓް
ނަމަވެސް ހަމަލާގައި ބައިވެރިވެ އިންޑިއާގެ އަސްކަރީ ޖެޓްތައް އެނބުރި އައިކަމަށް އިންޑިއާއިން ބުނުމުން ޕާކިސްތާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށްވަން އިންޑިއާގެ އަސްކަރީ ޖެޓްތަކުގެ ތެރެއިން ދެ ޖެޓް ވައްޓާލައި އެދެޖެޓްގެ ދެ ޕައިލެޓް ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ޖެޓްތައް ޕާކިސްތާނަށް ޙަމަލާދީފައިނުވާކަމާއި އެކަންކުރަން އިންޑިއާއަށް ކެރިފައިނުވާކަންވެސް ޕާކިސްތާނުން ކަށަވަރުކޮށްދިނެވެ.
މިއާއެކު ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ ޕައިލެޓުންގެ ފޮޓޯތައް ޕާކިސްތާނުން ދައްކާލުމުން އިންޑިއާއަށް ބޮޑު ލަދުވެތިކަން އިޙްސާސް ކުރަންޖެހިގެން ދިޔަ އެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައި އިތުރަށް މައްސަލަ ހޫނުކުރަން ބޭނުންނުވާތީ ޕާކިސްތާނުންވަނީ ޝަރުތަކާނުލައި އިންޑިއާގެ ދެޕައިލެޓުން ދެ ދުވަހުގެ ތެރޭގައި އިންޑިއާއާ ހަވާލުކޮށްފަ އެވެ. އެއަށް ފަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންނަން އިންޑިއާގެ ވައިގެ ސިފައިންނަށް މިހާތަނަށް ކެރިފައެއް ނުވެ އެވެ.
އިންޑިއާގެ ޒަމާންވީ ދުޝްމަނުން ކަމުގައި ބެލެވޭ އަވަށްޓެރި ދެގައުމު ކަމަށްވާ ޕާކިސްތާނާއި ޗައިނާއާއެކު މި ހިތި ތަޖްރިބާތައް އިންޑިއާއިން ދާދިފަހުން ކޮށްފައިވާއިރު މޯދީގެ ތަގްރީރުގައި ޗައިނާއާއި ޕާކިސްތާނަށް ބަހުގެ ހަމަލާތައް ދެއްވާފައިވަނީ ނުސީދާ ގޮތެއްގަ އެވެ. އެދެގައުމުގެ ނަން އެއްވެސް ވަރަކަށް ވިދާޅެއް ނުވެއެވެ.
ނުސީދާ ގޮތެއްގައި ބަހުގެ ޙަމަލާތައް ދެއްވުމަށް ފަހު ވެސް މޯދީ ވަނީ އަވަށްޓެރިންނާ ގުޅުން ބަދަހި ކުރަން އޭނާގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެ މަސްރަހު ފިނިކުރަން މަސައްކަތް ކުރައްވާފަ އެވެ. އެއީ އިންޑިއާއަކީ އަސްކަރީ ގޮތުން ބާރުގަދަ ގައުމެއްކަމަށް ވިޔަސް މިފަދަ ހިތި ތަޖްރިބާތައް އިތުރަށް ކުރަންބޭނުން ނުވުމާ އަދި ހަމަލާތައް ބަދަލުކޮށް ހަނގުރާމަކޮށް ދުޝްމަންކަން ކުރިޔަށް ނެރެގެން އެއްވެސް ބަޔަަކަށް ލިބޭނެ ފައިދާއެއް ނޯނާނެކަން ގަބޫލުކުރައްވާތީ ކަމަށްވަނީ ބެލެވިފައެވެ.
މިގޮތުން އިންޑިއާގެ އަވަށްޓެރިންނަކީ ޖޯގްރަފިކަލް އަވަށްޓެރިންގެ އިތުރުން އެއީ ހިތާހިތުގެ ގުޅުންތަކެއްވެސް އޮންނަން ޖެހޭ އަދި ދުރުނުވެވޭނެ ބައެއްކަން މޯދީ ތަގްރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.
(ނޫސްއެޖެންސީތައް)