16 Aug 2020, 13:23
ކުޑަ ދެކުދިން ހިމެނޭ ގޮތުން، ފަސް ރަށެއްގައި ހޯމް ކަރަންޓީނުވި ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނީ ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރު ހޯމް ކަރަންޓީނުވި ބައެއްގެ ކަރަންޓީނު މުއްދަތު ހަމަވެ، ކުރި ޓެސްޓުތައް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިލަދޫ އިން ޕޮޒިޓިވްވެފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެކެވެ. މާމިގިލިން ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ޕޮޒިޓިވްވި އިރު، ހިންމަފުށިން ޕޮޒިޓިވްވީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ނިލަންދޫ އިން ޕޮޒިޓިވްވީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. ހުޅުދުއްފާރުން ޕޮޒިޓިވްވެފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރޭ ވެސް ހުޅުދުއްފާރުން ވަނީ 44 އަހަރުގެ އަންހެނަކު ޕޮޒިޓިވްވެފައެވެ.
މީގެކުރިން ނިލަންދޫ އިން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުވަ މީހަކު ދެނެގަނެވިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. އަދި ނިލަންދޫ މޮނީޓަރިން ހާލަތައް ގެނެސް ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
އިއްޔެ 107 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،679 އަށް އަރައިފައެވެ. މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،449 މީހުންނަށެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް 3،208 މީހުން ބަލިން ރަގަޅުވެފައިވާއިރު 22 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.