17 Aug 2020, 07:51
ބޭންކޮކް (އޮގަސްޓު 17): ތައިލޭންޑު ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި އެގައުމުގެ ވެރިރަށް ބޭންކޮކުގައި 10،000އަށް ވުރެ ގިނަ މީހުން އިއްޔެ މުޒާހަރާކޮށްފި އެވެ.
ބޭންކޮކްގެ ޑިމޮކްރަސީ މޮނިއުމެންޓު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާއަކީ، 2014 ވަަނަ އަހަރު ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށް އޮބްޒާވަރުން ވިދާޅުވި އެވެ. އަދި އެ މުޒާހަރާގައި އަމަން ބެލެހެއްޓުމަށް 600 އޮފިސަރުން ހަރަކާތްތެރިވި ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެގެ މުޒާހަރާއަކީ ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުން އާއްމު ގޮތެއްގައި އިސް ނަގައިގެން މިދިޔަ މަހުން ފެށިގެން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބޭއްވި މުޒާހަރާއެކެވެ. އަދި ދަރިވަރުންގެ އިތުރުން ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ގައުމަށް ބަދަލުގެންނަން ބޭނުންވެފައިވާ ކަން އިއްޔެގެ މުޒާހަރާއިން އެނގިގެން ގޮސްފައިވާ ކަމަށް އެ އެއްވުމުގައި ބައިވެރިވި މީހުން ބުންޏެވެ.
އެ މުޒާހަރާތަކުގެ ބައިވެރިން ދަނީ، އަސްކަރީ ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ޕްރަޔުތުގެ އިސްތިއުފާއަށާއި ޕާލިމެންޓު އުވާލުމަށާއި އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ގޮވާލަމުންނެވެ. އަދި ބައެއް މީހުން ދަނީ އެގައުމުގެ ރަސްކަމަށްވެސް ބަދަލު ގެނައުމަށާއި ރަސްގެފާނުގެ ބާރުތައް ކުޑަކޮށް، ޝާހީ އާއިލާއަށް ފާޑު ކިޔުން ހުއްދަ ކުރުމަށް ގޮވާލަމުންނެވެ.
ތައިލޭންޑުގެ ގާނޫނުތަކުގައި މިހާރު އޮންނަ ގޮތުން، ޝާހީ އާއިލާގެ އަބުރަށް އަރައިގަންނަ މީހަކު ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.
ތައިލޭންޑުގައި މިއަހަރު އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުނީ އެގައުމުގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ މަހު އުވާލުމުންނެވެ. އެ ޕާޓީއަކީ މިދިޔަ އަހަރު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރި ޕާޓީ އެވެ. އެ އިންތިހާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، ވެރިކަން ހޯއްދެވީ ޕްރަޔުތު އެވެ.
އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން ތައިލޭންޑުގެ މުޒާހަރާތައް ހުއްޓުމަކަށް އަ އެވެ. ނަމަވެސް ޑިމޮކްރަސީއަށް ތާއިދު ކުރާ އެގައުމުގެ އެކްޓިވިސްޓަކު، އަމިއްލައަށް އަރުވާލެވިގެން ކެމްބޯޑިއާގައި ދިރިއުޅެނިކޮށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެން އަނެއްކާ ވެސް މުޒާހަރާތައް ވަނީ ފެށިފަ އެވެ.