ޓޯކިޔޯ (އޮގަސްޓް 17): ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިއްޔެ ހޮސްޕިޓަލަށް ވަޑައިގެންނެވުމަށް ފަހު، ހަމަ އިއްޔެގެ ވަގުތެއްގައި ގެޔަށް ވަޑައިގެންފައިވާ ކަމަށް އެގައުމުގެ ޖީޖީ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފި އެވެ.

އަބޭ ހޮސްޕިޓަލަށް ވަޑައިގެންނެވީ އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން ސަރުކާރުގެ ބައެއް އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތުން ވެރިކަަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ޓެކްސް ޕެނަލްގެ ޗެއާމަން އަކިރާ އަމަރީ ވިދާޅުވި ގޮތުގައި 65 އަހަރުގެ އަބޭ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ވަރުބަލިކަމާ ކުރިމަތިލައްވަން ޖެހިފައިވާ ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ. އަދި އަބޭ ކުޑަ ޗުއްޓީއެއް ނަންނަގަވާނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

މީގެ އިތުރުން އެގައުމުގެ ފްލޭޝް މެގަޒިންއިން ވަނީ މިދިޔަ މަހުގެ ހަޔެއްގައި އަބޭ އޮފީހުގައި ހުންނަވަނިކޮށް އަނގައިން ލޭ އައި ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ޖަޕާނުގެ ހެލްތު މިނިސްޓަރު ކަޓްސުނޮބޫ ކަޓޯ ވަނީ އަބޭގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ އާދައިގެ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ވާހަކަތައް. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ ރިޕޯޓުތަކުގައި ވަނީ އަބޭ [ހޮސްޕިޓަލަށް ވަޑައިގެންނެވީ] ޗެކަޕެއް ހެއްދެވުމަށް ކަމަށް،" ކަޓޯ ވިދާޅުވި އެވެ.

ޖަޕާނުގެ ކިޔޯޑޯ ނޫހުން ބުނި ގޮތުގައި އަބޭ އަހަރަކު ދެ ފަހަރު ޗެކަޕަށް ވަޑައިގަންނަވަ އެވެ. އަދި އެގޮތަށް އެންމެ ފަހުން ވަޑައިގެންނެވީ ޖޫން 13ގައި ކަމަށާއި އިއްޔެ ހޮސްޕިޓަލަށް ވަޑައިގެންނެވީ އެފަހަރު ޑޮކްޓަރަށް ދެއްކުމާ ގުޅިގެން ކަމަށް ބުނެފަ އެވެ.

އަބޭ ހޮސްޕިޓަލަށް ވަޑައިގެންނެވުމާ ބެހޭ ގޮތުން ބޮޑުވަޒީރުގެ އޮފީހުން އަދި އެއްޗެކޭ ނުބުނެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ އެންމެ ފުރަތަމަ ކުރެއްވީ 2006 އިން ފެށިގެން އެއް އަހަރުވަންދެނެވެ. އެފަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބޮޑުގޮހޮރު ދުޅަވެ، ފާރުވުމަށް މަގުފަހިކުރާ ބައްޔެއް ކަމަށްވާ އަލްސަރޭޓިވް ކޮލައިޓިސްގެ ސަބަބުން ހާލުކޮޅު ދެރަވުމުންނެވެ. އެ ބައްޔަށް މީގެ ކުރިން ލިބެން ނެތް ބޭހެއް އަބޭ މިހާރު ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. އަދި އޭނާ ގެންދަވަނީ 2012 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވަމުންނެވެ.

މިދިޔަ ޖެނުއަރީ 15ގައި ޖަޕާނުން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުނު ފަހުން އެގައުމުން 56،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި 1،103 މީހަކު ވަނީ މަރުވެފަ އެވެ.