19 Aug 2020, 11:24
ގދ. ތިނަދޫގައި މަސައްކަތްކުރަ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު މިމަހުގެ 15 ވަނަ ދުވަހުގެ 8:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ސައިކަލުގައި ރޯކޮށްލާފައިވަނީ އެ ފުލުސް މީހާ ދިރިއުޅެމުންދާ ގެ ކައިރީ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުއްޓާ، އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ސައިކަލުގައި އަލިފާން ރޯކޮށްކުމުގެ ސަބަބުން އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ އާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.