19 Aug 2020, 13:42
ގަރާޖުތަކުގައި އެއްގަމު އުޅަނދުު ރަޖިސްޓްރި ކުރަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙު ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަަމިއްލަ ފަރާތެއްގެ ގަރާޖުގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމެވެ.
މެމްބަރު ނަޝީދު ހުށަހެޅުއްވީ، އެ ގާނޫނުގެ އެ މާއްދާ އުވާލުމަށެވެ.
ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރާއިރު، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓަރީކުރާގޮތަށް މިހާރު އޮންނާތީ، އެކަމުގެ ސަބަބުން، ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ކަމަށެވެ.
އެގޮތުން ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބޮޑު އަދަދެއް ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުން ގެންދާ ކަމަށް ބިލުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓަރީކޮށްދިނުން ފަދަ އަމަލުތައް ބައެއްފަރާތްތަކުން ހިންގަމުން ގެންދާ ކަން ފާހަގަވެފައިވާކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
އެހެން ކަމުން އޭނާ ބިލު ހުށައެޅުއްވީ އެކަންކަން ރަނގަޅަށް މޮނިޓާކުރެވޭތަން ނުފެންނާތީ، އެކަމަށް ހުއްޓުމެއް ގެނައުމުގެ މަގުސަދުގައި ކަމަށެވެ.
ބިލުގައިވާ ގޮތުން އެއަށް އަމަލު ކުރުން ފަށާނީ، ބިލު ފާސްވެ، ގާނޫނަކަށްވެ، ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރުމުންނެެވެ.
މެމްބަރު ނަޝީދު ވަނީ އިތުރު އިސްލާހެއްވެސް އެ ގާނޫނަށް ގެންނަ ހުށަހަޅުައްވާފަ އެވެ. އެއީ މިހާރު އެއްނގަމު އުޅަނދުތައް އިންޝުއެރެސް ކުރަން އޮންނަ އޮތުން އުވާލުމަށެވެ.