23 Aug 2020, 13:21
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޅި އާ ފިޔަވަޅުތަކާ ދެކޮޅަށް ދަރުބާރުގެ ކުރިމަތީގައި މާލޭގެ ރެސްޓޯރަންޓްތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އިހުތިޖާޖުކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކޮވިޑާއި ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ގޮތުގައި ކޮންމެ ރެއަކު 8:00 އިން ފަތިހު 5:00 އަށް މާލޭގެ މަގުތައް މަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ.
އެޗްއީއޯސީ ހިންގާ ދަރުބާރުގޭ ކުރިމައްޗަށް މިއަދު އެއްވި ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކުން ވަނީ މި ފިޔަވަޅުތަކާއި ދެކޮޅަށް އިހުތިޖާޖުކޮށް އަޑުއުފުލައިފަ އެވެ.
އިހުތިޖާޖުގެ ތެރެއިން ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުމުގެ ޝުއޫރުތައް ވަނީ ފާޅުކޮށްފަ އެވެ.

އޯގަސްޓް 23، 2020: ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދެކޮޅަށް އާންމުންގެ ބަޔަކު އިހުތިޖާޖު ކުރަނީ. -- (ސަން ފޮޓޯ/އަހުމަދުﷲ އަބްދުލް ހާދީ)
އޭގެ އިތުރުން އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަށް އެޅި ފިޔަވަޅުގެ ސަބަބު އޮޅުންފިލުވައިދިނުމަށް އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުގެ ފަރާތުން އާންމުންނާއި ބައްދަލުކޮށް އާންމުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ހައްލުކުރުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.
މިރެއިން ފެށިގެން ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރުމަށް ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފި އެވެ.
ރޭ 6:00އާ ހަމައަށް ރާއްޖެއިން ވަނީ 6،660 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިހާރު 2،486 މީހަކަށް ފަރުވާދެމުންދައިރު މީގެެ ތެރެއިން 169 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 4،148 އެވެ. މިހާތަނަށް 26 މީހަކު ރާއްޖެއިން ބަލީގައި މަރުވެފައިވެ އެވެ.