ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭތަރުތައް ގެނައުމަށް ހަވާލުކުރި ދުބާއީ ކުންފުންޏަށް ގެރެންޓީއަކާ ނުލާ އެޑްވާންސަށް ފައިސާދިންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށް މިވަގުތު މަސްއޫލިއްތުން އެކަހެރިވެގެން ހުންނެވި ހެލް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޖުމްލަ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާ ޖެނެއަލް ޓްރޭޑީންއަށް އެޑްވާސްންގެ ގޮތުގައި، ޖުމްލަ އަގުގެ 90 ޕަސެންޓަވާ ފައިސާ، 30.9 މިލިއަން ރުފިޔާ ދައްކާފައިވަނީ ޕާފޯމަންސް ގެރެންޓީއެއް ނުނަގާ ކަމަށް އޮޑީޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށް އެކަން ތަހުގީގުކުރަން ވަނީ ލަފާދީފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެކަަމާ ގުޅޭ ގޮތުން އަމީން ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ޕާފޯމަންސް ގެރެންޓީ ނުބަހައްޓާކަން އޭނާއަށް އެނގިވަޑައިގަތީ އެގްރިމަންޓް ހަދައި ފައިސާވެސް ދިން ފަހުން ކަމަށެވެ.

"ޕާފޯމަންސް ގެރެންޓީ ނުނަގާ ގެންދިޔަ ކަން މިހާރު އަޅުގަނޑަށް އެނގޭ...ޕާފޯމަންސް ގެރެންޓީ ނުނަގާ ކަމުގެ އިޝާރާތެއް ނުވަތަ މައުލޫމާތު އަޅުގަނޑަށް ލިބުނު އިރު އެގްރީމަންޓް ކުރެވިގެން ގޮސްފައި ވަނީ،،" ޕާފޯމަންސް ގެރެންޓީ ނުނަގާކަން އޭރު އެނގިވަޑައިގަންނަވާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީން ވިދާޅުވީ، އުސޫލެއްގެ ގޮތުން ޕާފޯމަންސް ގެރެންްޓީ އާއި އެޑްވާންސަށް ފައިސާ ދިނުމަށް ނިންމުމާއި ނުނިންމުމަކީ މިނިސްޓަރު ނިންމަވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ނިންމަވަން ޖެހޭ ނިންމުމަކީ މިނިސްޓަރުގެ ގޮތުގައި ނިންމަވަން ޖެހޭ ނިންމުންތައް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ، ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބެއްލެވީ ޑަބްލިއުއެޗްއޯ ކަމަށެވެ. އެއީ ޑަބްލިއުއެޗްއޯ އިން ލަފާ ދެއްވި ކުންފުންޏެއް ކަމުން އެ އިތުބާރު އޮތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ ހާލަތުގެ ގޮތުން، އަޅުގަނޑުމެން ޕާފޯމަންސް ގެރެންޓީއެއްގެ ގޮތުގައި ބެލީ ޑަބްލިއެއެޗްއޯ. އަޅުގަނޑުމެން ގަބޫލު ކުރީ ލިޔެކިޔުންތައް ވެސް ދައްކާ ގޮތުން ޑަބްލިއުއެޗްއޯގެ ރަސްމީ ހައިސިއްޔަތުން އެބޭފުޅުން ދެއްވި ކޮންޓެކްޓެއް ކަމަށް،" އަބޫބަކުރު ވިދާޅުވި އެވެ.

ޕާފޯމަންސް ގެރެންޓީއާ ނުލާ އެޑްވާންސަށް ފައިސާ ދޫކުރީ މިނިސްޓްރީގެ ފަރާތުން ކޮން ބޭފުޅެއްގެ ހުއްދަ ދީގެންތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމް ވިދާޅުވީ، އެޑްވާންސަށް ފައިސާ ދެއްކީ ފިނޭސްންސް މިނިސްޓްރީގެ ހުއްދައިގެ ދަށުން ހެލްތް މިނިސްޓްރީން ކަމަށެވެ. އަދި ތަކުރާރުކޮށް އަނެއްކާވެސް ހެލްތް މިނިސްޓްރީން އެ ހުއްދަ ދިނީ އޭނާކަން އަހަމްދު އަސްލަމް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން އެޑްވާންސަށް ފައިސާ ދެއްކީ "ޕްރޫޑެންޓް މޭން ރޫލް" ނުވަތަ އާންމު ބުއްދީގެ ހަމަތަކަށް ރިއާޔަތްނުކޮށެވެ. އަދި އެ ފަރާތަކާއެކު ވިޔަފާރިކޮށްފައި ނުވާ ފަރާތްތަކަށް ބޭންކް ގެރެންޓީ ނުހޯދައި ލެޓާ އޮފް ކްރެޑިޓް ފެސިލިޓީއެއްވެސް ގައިމުކޮށްފައި ނުވާކަން ވެސް އޮޑިޓްގައި ފާހަގަކުރި އެވެ.

ވެންޓިލޭޓަރުގެ ދަތިކަން މުޅި ދުނިޔެއަށް ޖެހިފައިވާ ދުވަސްވަރެއްގައި ގުދަނުގައި ޝިޕްކުރެވޭ ހާލަތުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ދުބާއީ ކުންފުނިން ބުނި ބުނުން އާންމު ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

ޕާފޯމަންސް ގެރެންޓީ އަކާ ނުލާ އެހާ ބޮޑު ރިސްކެއް ނަގައި ވެންޓިލޭޓަރު ނުލިބިއްޖެ ނަމަ ދައުލަތައް ބޮޑު ގެއްލުމެއް ލިބުމުން އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ އާއި އެ ރިސްކު ނެންގެވީ ކީއްވެގެންތޯ އަބްދުﷲ ރިޔާޒު ކޮމިޓީގައި ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެ ހާލަތަކީ ކިތަންމެ ބޮޑު ރިސްކެއް ނަގަން ޖެހިއްޖެނަމަ ވެސް އެ ރިސްކެއް ނަގަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި ހުރިހާ ދާއިރާތައްވެސް ޝާމިލްވާ ކަމަށާއި އިޖުރާތްތަކުން ބަލާނަމަ، އެކަން ކޮށްފައިވަނީ ފިނޭންސްގެ ހުއްދަ އާއި ބަންޑާރަނައިބުގެ ލަފަޔާ ވެސް އެކު ކަމަށް އޭނާ ވިދާޅުވި އެވެ.