27 Aug 2020, 07:33
ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލައިގެ ތަހުގީގު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ފެށިއިރު ސުޝާންތުގެ އަށް ހާޑް ޑިސްކުގައިވާ ޑާޓާތަކެއް ބަޔަކު އައިސް ފޮހެލާފައިވާ ކަމަށް ސުޝާންތުގެ ފްލެޓްމޭޓުން އެއްބަސްވެއްޖެ އެވެ.
ވޭތުވެ ދިިޔަ ހަ ދުވަހު ސީބީއައި އިން ވަނީ ސުޝާންތުގެ ފްލެޓް މޭޓުން ކަމަށްވާ ސިދާތު ޕިތާނީ، ހައުސް ކީޕާ ދިޕޭޝް ސާވަންތު އަދި ކުރީގެ ހައުސް މެނޭޖަރު ސެމިއުލް މިރެންޑާއަށް ހުއްޓުމެއްނެތި ސުވާލުކޮށްފަ އެވެ. ސުޝާންތުގެ ރަހުމަތްތެރިއެއްކަމަށްވާ ސިދާތު ސީބީއައި އޮފިޝަލުން ގާތު ބުނީ ސުޝާންތުގެ ލެޕްޓޮޕާއި ކޮމްޕިއުޓަރުގެ އިތުރުން އެހެނިހެން ހާޑް ޑިސްކުތަކެއްގެ ޑާޓާ ފޮހެލަން އައިޓީ ޕްރޮފެޝަނުންތަކެއް އެގެއަށް އައި ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުން ވެސް ވަނީ އެމީހުންގެ ކުރިމަތީގައި އެ ގްރޫޕު އައިސް ސުޝާންތުގެ އިލެކްޓްރޯނިކް ހުރިހާ ޑިވައިސްތަކެއްގެ ޑާޓާ ފޮހެލިކަމަށް އެއްބަސްވެފަ އެވެ. އަދި އެ ޓީމު އެގެއަށް އައީ ރިއާގެ އޯޑަރަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖޫން މަހު 8 ވަނަ ދުވަހަކީ ރިއާ ސުޝާންތުގެ ގެއިން ނުކުމެގެން ދިޔަ ދުވަހެވެ. ސުޝާންތުގެ ކުރީގެ މެނޭޖަރު ދިސާ ސާލިއަން މަރުވި ދުވަހުގެ ރޭ ސުޝާންތު ދިރިއުޅޭ ގެއަށް އަށް މީހަކު ހިމެނޭ ގްރޫޕެއް އައިސް އޭނާގެ އަށް ހާޑް ޑިސްކެއްގެ ޑާޓާ ފޮހެލިކަމަށް ފްލެޓްމޭޓުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެ ތިން މީހުން އެކަމަށް އެއްބަސްވުމާ އެކު އެ ހެއްކަކީ ސުޝާންތު މަރާލިކަމަށް ބާރު ލިބޭ ހެއްކެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކްޓަރު ސުޝާންތު މަރުވި ކޭހުގެ ތަހުގީގު މިހާރު ސީބީއައި އިން ބާރު ސްޕީޑުގައި ކުރިއަށް ދާއިރު ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯޓީ ޑްރަގް ޑީލްކުރި މައްސަލައެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. އަދި ރިއާގެ ލޭގެ ޓެސްޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.