ބެއިންޖިން (އޮގަސްޓް 27) : ޗައިނާގެ ބައްރާ ގުޅިފައިވާ ދެކުނު ޗައިނާ ކަނޑަށް އަމާޒުކޮށް ޗައިނާއިން ބާރުގަދަ ދެ މިސައިލް ތަޖްރިބާކޮށްފި އެވެ. މިތަޖްރިބާ ކޮށްފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ސިފައިން ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތަކެއްގެ ތެރެއިންނެވެ.

ޗައިނާއިން ތަޖްރިބާކުރީ ޑީއެފް 26 ބީގެ މިސައިލަކާއި ޑީއެފް 21 މަރުކާގެ މިސައިލެކެވެ. ޗައިނާގައި އިނގިރޭސިބަހުން ނެރޭ ނޫހެއްކަމަށްވާ "ސައުތު ޗައިނާ މޯނިންގް ޕޯސްޓް" ބުނާގޮތުން މިއީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ފައްތާލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޑީއެފް މަރުކާގެ ދެ މިސައިލެވެ. މިއިން ކޮންމެ މިސައިލަކީ ވެސް ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. މީގެތެރެއިން އެއް މިސައިލް ފޮނުވާލީ ޗައިނާގެ މައި ބައްރުގެ އުތުރުގެ ސަރަހައްދަކުންނެވެ. އަނެއް މިސައިލް ފޮނުވާނީ ޗައިނާގެ ދެކުނުގެ ސަރަހައްދަކުންނެވެ.

މިދެމިސައިލް ވެސް އަމާޒުކޮށްފައި ވަނީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް އެމެރިކާގެ މަނަވަރުތައް އެންމެ ގިނައިން ދަތުކުރާ ރޫޓަށެވެ. މިދެ މިސައިލް ދެކުނު ޗައިނާ ކަނޑުގައިވާ އޭގެ އަމާޒަށް ވާސިލްވެފައި ވަނީ އެއްވަގުތެއްގައި ކަމަށް "ސައުތު ޗައިނާ މޯނިންގް ޕޯސްޓް" ބުނެ އެވެ.

ޗައިނާގެ އުތުރާއި ދެކުނުން ދެކުނު ޗައިނާގެ ކަނޑަށް އަމާޒުކޮށް ޗައިނާއިން މިސައިލް ތަޖްރިބާކުރި ގޮތް

ޗައިނާގެ ބަނޑު ދަށުގައި އޮންނަ އެގައުމުގެ ޖިއޮ ސްޓްރެޓީޖިކް ސަރަހައްދެއްކަމަށްވާ ދެކުނު ޗައިނާ ކަނޑަކީ ކަނޑުމަގުން ދުނިޔޭގެ ގައުމުތަކާއި ޗައިނާ ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ހަރަކާތްތެރިވާ އާގުބޯޓުތައް އެންމެ ގިނައިން ހުރަސްކުރާ ކަނޑުއޮޅި އެވެ. މި ކަނޑުއޮޅީގައި ބައިނަލްއަގްވާމީ ސަރަހައްދެއް ވެސް އޮތްނަމަވެސް ޗައިނާފަދަ ބޮޑުގައުމެއްގެ އައްސޭރިފަށާ ގާތުގައި އޮންނަ މިފަދަ ކަނޑުއޮޅިއަކަށް ވާދަވެރި އެހެން ބާރަކުން އަސްކަރީ މަނަވަރުތައް ފޮނުވުމަކީ މަސްރަހު ހޫނުވެގެންދާނެ ކަމެކެވެ.

އެމެރިކާގެ އައްސޭރިފަށާ ގާތުގައި އޮންނަ މިފަދަ ސްޓްރެޓީޖިކް ސަރަހައްދަކަށް ނޫނީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސްކަމަށްވާ ޑިއެގޯ ގާސިއާ ފަދަ ޖިއޮ ސްޓްރެޓީޖިކް ސަރަހައްދެއްގެ ކައިރިއަށް ޗައިނާއިން މަނަވަރުތަކެއް ފޮނުވައިފި ނަމަ އެމެރިކާ ވެސް ރުޅިއަންނާނެ ކަމަށް "ސައުތު ޗައިނާ މޯނިންގް ޕޯސްޓް" ބުނެ އެވެ.

އެހެންކަމުން ދެކުނު ޗައިނާ ކަނޑަށް އަމާޒުކޮށްގެން ޗައިނާ އިން އިއްޔެ ތަޖްރިބާކުރި ދެ މިސައިލަކީ އެމެރިކާއަށް ދިން ވަރުގަދަ އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ޗައިނާ އިން މި މިސައިލްތައް ތަޖްރިބާކޮށްފައި މިވަނީ ދެކުނު ޗައިނާ ކަނޑުގައި ލައިވް ވަޒަން ބޭނުންކޮށްގެން ޗައިނާ ސިފައިން އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދާ ސަރަހައްދުގެ މަތިން އުދުހެން އުޅުނު އެމެރިކާގެ ޖާސޫސީ ބޯޓަކަށް ޗައިނާގެ ވައިގެ ސިފައިން ހުރަސްއަޅައި އިންޒާރެއް ދީފައިވަނިކޮށެވެ.

ޗައިނާގެ އިންޒާރާ އެކު އެމެރިކާގެ ޖާސޫސީ މަތިންދާބޯޓު އެސަރަހައްދުން ދިޔަނަމަވެސް ޗައިނާއިން ވަނީ އެމެރިކާގެ މިއަމަލަކީ ޖެއްސުންކުރުމުގެ އަމަލެއްކަމަށް ސިފަކޮށްފަ އެވެ. އެމެރިކާ އިން ވަނީ، އެމެރިކާގެ ޖާސޫސީ ބޯޓަށް ޗައިނާއިން ހުރަސްއެޅީ ނުރައްކާތެރި ގޮތަކަށް ކަމަށް ބުނެ ޗައނާގެ އަމަލު ކުށްވެރިކޮށްފަ އެވެ.

ޗައިނާގެ ބަނޑުދަށުގައިވާ ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރާއިރު އެސަރަހައްދުގެ ގައުމުތައް އެކަމާ ދެކޮޅު ހަދަ އެވެ. އެމެރިކާ ގެންދަނީ ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރު ކުރުމުގެ ހައްގު އެމެރިކާއަށް ވެސް ލިބިގެންވާ ކަމަށް ބުނެ އެކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުފައި ޗައިނާ ރުޅިއެރުވުމުގެ އަމަލުތައް ހިންގަމުންނެވެ. އަދި ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާއާ ދެބަސްވެފައިވާ ގައުމުތަކަށް ޗައިނާއާ ދެކޮޅަށް ތެދުވުމަށް ހިއްވަރު ދިނުމަށް ވެސް އެމެރިކާ މަސައްކަތް ކުރާކަމަށް ޗައިނާ ތުހުމަތު ކުރެއެވެ.

އެމެރިކާގެ ދެކޮޅު ހެދުންތަކާއެކު ވެސް ޗައިނާ ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ފަޅެއް ހިއްކުމަށް ފަހު އެތާނގައި އަސްކަރީ ބޭހެއް ގާއިމް ކުރުމުގެ މަސައްކަތް ނިންމައިފަ އެވެ. މިއީ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާ ޗައިނާ ދެކެ ރުޅިއަންނަ މައިގަނޑު އެއްސަބަބަބެވެ. (ނޫސްއެޖެންސީތައް)