29 Aug 2020, 08:49
އިސްލާމްއާބާދު (އޮގަސްޓު 29): ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ފާއިތުވި ފަސް ދުވަސް ތެރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 63 މީހަކު މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގެ ޗީފް މިނިސްޓަރު މުރާދު އަލީ ޝާހު ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތަކުގައި އެ ޕްރޮވިންސުގެ ވެރިރަށް ކަރާޗީން ވަނީ ހަފްތާއެއް ތެރޭ 47 މީހަކު މަރުވެފަ އެވެ. އަދި އެގައުމުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުގައި ފެންބޮޑުވުމުގެ ސަބަބުން 16 މީހަކު މަރުވެފައިވާ ކަމަށް އެ ޕްރޮވިންސުގެ ޑިޒާސްޓާ މެނޭޖްމެންޓު އޭޖެންސީގެ ތަރުޖަމާނު ތައިމޫރު އަލީ ވިދާޅުވި އެވެ. އެހެންކަމުން މިދިޔަ ޖޫން މަހުން ފެށިގެން، ވިއްސާރައާ ގުޅުން ހުރި ހާދިސާތަކުގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 150އަށް އަރައިފަ އެވެ.
ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ކަރާޗީއަށް 12 ގަޑި އިރު ތެރޭ 223 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އެއީ އެ ޑިޕާޓްމެންޓުން ކަރާޗީއަށް ވާރޭ ވެހޭ މިންވަރު ރެކޯޑު ކުރަން ފެށި ފަހުން އެއް ދުވަސް ތެރޭ އެހާވަރަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.
އެ ވިއްސާރައިގެ ސަބަބުން ކަރާޗީގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑި، ދަތުރުފަތުރަށް ހުރަސް އެޅިފައިވެ އެވެ. އެހެންކަމުން ހާލުގައި ޖެހިފައިވާ 10،000 މީހުންނަށް ކާނާ ފޯރުކޮށްދީ، ވަގުތީ ހިޔާތައް ހަދާފައިވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.
ޕާކިސްތާނަށް އާއްމު ގޮތެއްގައި ޖުލައި މަހުން ސެޕްޓެމްބަރު މަހަށް ކުރާ މޫސުމީ ވިއްސާރައިގައި ކޯރުތައް ބަންޑުންވެ، މީހުން ދިރިއުޅޭ ތަންތަނަށާއި ދަނޑުބިންތަކަށް ގެއްލުން ލިބެ އެވެ. އަދި އެ ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް ގިނަ ސިޓީތަކަށް ގެއްލުން ލިބޭތީ ސަރުކާރަށް ފާޑު ކިޔުން އަމާޒުވެ އެވެ.