ޗެންނާއި (އޮގަސްޓް 29) : ކޮވިޑް-19 ޖެހިގެން ހާލުބޮޑުވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް އިންޑިއާގެ ސިޔާސީ ބޭފުޅެއްކަމަށްވާ ވަސަންތާކުމާރު މިއަދު އަވަހާރަވެއްޖެއެވެ.

އިންޑިއާގެ ޕާލަމެންޓް ކަމަށްވާ ލޮކްސަބާ ގެ މެންބަރެއްކަމަށްވާ އުމުރުން 70 އަހަރުގެ ވަސަންތަކުމާރު ކޮވިޑް-19 ޖެހިގެން ޓެމިލްނާޑޫގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެނދުމަތި ކުރީއްސުރެ އޭނާގެ ހާލުދަނީ ދަށަށްކަމަށް ޢާއިލާއާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނެފައިވައެވެ. ވަސަންތު ކުމާރަކީ އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ތަޖްރިބާކާރު ސިޔާސީ ބޭފުޅެކެވެ.

އޭނާ މިއަދު އަވަހާރަވީ ކޮވިޑް -19 ގެ ސަބަބުން ހާލަތު ގޯސްވެ ނިއުމޯނިއާ އަށް ބަދަލުވެ ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނެއެވެ.

ލޮކްސަބްހާ ގެ ސްޕީކަރ އޯމް ބިރްލާ ވަނީ ވަސަންތު ކުރާމު އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި އޭނާގެ އާއިލާއަށް ތައުޒިޔާ ރައްދު ކުރައްވާފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީވެސް ވަނީ ވަސަންތާކުމާރު ގެ މަރާގުޅިގެން ހިތާމަ ފާޅުކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. ވަސަންތު ކުމާރު އަވަހާރަވިއިރު އޭނާ ވާރިސުންގެ ގޮތުގައި އަންބަކާ ދެ ފިރިހެން ކުދިންނާ އަދި އަންހެން ކުއްޖަކު އެބަތިއްބެވެ.

އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ އެބަލި އާދަޔާ ޚިލާފަށް ފެތުރެމުންދާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާގެ ސްޓޭޓް ލެވެލްގެ މަޝްހޫރުނޫން ސިޔާސީ އެތަށް ބޭފުޅަކު މަރުވެފައިވެއެވެ. އަދި މަޝްހޫރު އެތަށް ބަޔަކަށް ކޮވިޑް-19 ޖެހިގެން ޝިފާވެސް ލިބިފައިވެއެވެ. އިންޑިއާގެ ޕާލަމެންޓްގައި ހިމެނޭ ވަސަންތު ކުމާރު ނޫން އެހެން ބައެއް މެންބަރުންނަށްވެސް ކޮވިޑް-19 ޖެހިފައިވެއެވެ. ނަމަވެސް ވަސަންތުކުމާރަކީ އެބަލީގައި މަރުވި އިންޑިއާގެ ޕާލަމެންޓްގެ ފުރަތަމަ މެންބަރެވެ.

އިންޑިއާގެ މައި ސަރުކާރުގެ ސްޓޭޓް ކެބިނެޓް މިނިސްޓަރު ޗެތަން ޗޯހަންވެސް މިމަހުގެ ކުރީކޮޅުގައިވަނީ ކޮވިޑް-19 ޖެހިގެން ހާލުބޮޑު ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދަނިކޮށް އަވަހާރަވެފައެވެ. ޗޯހާންއަކީ ކުރިން އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިއެކެވެ.

އިންޑިއާއަކީ އެމެރިކާއާއި ބްރަޒިލް ފިޔަވައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ގައުމެވެ. އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3.5 މިލިޔަނަށް އަރާކަމަށް ރިޕޯޓްކޮށްފައިވާއިރު އެ ބަލީގައި މިހާތަނަށް 62 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ރިޕޯޓް ނުކުރާ ކޭސްތަކުގެ އަދަދު މީގެ އެތަށް ގުނައެއް އިތުރުވާނެކަމަށް އިންޑިއާގެ ސިއްޙަތާބެހޭ މާހިރުން އަންދާޒާ ކުރައްވައެވެ. (ނޫސްއެޖެންސީތައް)