ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލި 17 ފަރާތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް، ރައްޔިތުންގެ މަޖިލީހުން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެންއައިސީގެ މަގާމުތައް ހުސްވީ، އެ ކޮމިޝަނުން ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ހުސްވި މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް އިޖާބަދެއްވި ހުރިހާ އެންމެންގެ ނަންތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ މަގާމުތަކަށް 17 ފަރާތަކުން ކުރިމަތިލާފައި ވާއިރު، އެ ފަރާތްތަކާ މެދު އާންމުންގެ ހިޔާލަށް މިއަދު ވަނީ ހުޅުވާލައިފައެވެ. އެންއައިސީއަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ:

1. ޚަދީޖާ މޫސާ / މ. ބަޝީރީހިޔާ
2. ޝުއައިބު އަބްދުއްރަޙްމާން / ދަފްތަރު. ނަންބަރު ރސ 1188
3. އާޝިޔަތު ޝިއުނާ / ގ. ދޫރެސްވިލާ
4. އަހްމަދު މޫސާ / ހ. އަމްސާވިލާ
5. އަލީ މުހައްމަދު މަނިކު / ދަފްތަރު. ނަންބަރު ރސ 1851
6. އާއިޝަތު ހުސައިން މަނިކު / ހ. ރީނދޫކޮކާގެ
7. މުހައްމަދު އަލީ / ރަތްފުސްގެ، ހއ. ހޯރަފުށި
8. އާމިނަތު ޝާދިޔާ / މ. ޕިސްތާގެ
9. އިސްމާއީލް ސާޖިދު / މއ. ވިލާރޮދި
10. ޚަދީޖާ ނައީމު / މ. ރަންވަރު
11. އާމިނަތު އަޒްލިފާ / ގުލާބީގެ، ރ. ރަސްގެތީމު
12. ހާރިސް މުހައްމަދު / ދަފްތަރު. ނަންބަރު 4289
13. އިބްރާހީމް ޝިޔާމް / މ. ކަފިޔާވިލު
14. އަލީ ނިޒާމް / މ. މޮޑަންކޮމެޓް
15. އަލީ ނަޖީބު / ހުޅުމާލެ. ފްލެޓް ނަންބަރު 03-1-137
16. މުހައްމަދު ޝަރީފް / ފުސްތަޅާގެ، ގދ. ތިނަދޫ
17. މަޖީދު އަލީ / މަތަރަސްމާގެ، ގއ. ދާންދޫ

މީގެ ތެރެއިން އެއްވެސް ފަރާތަކާ ގުޅޭގޮތުން ޝަކުވާއެއް ވާނަމަ، 13 ސެޕްޓެންބަރު ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ
މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

އެންއައިސީން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ޚަދީޖާ އަބްދުﷲ އެވެ.

އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ، އެ ތިން ބޭފުޅުންނާއި އަހްމަދު ސުލައިމާނު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.