ދުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށް ފަހު، 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ފޮނުވާފައިވާ ކަމަށާއި، އެ މެޝިންތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރިކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

އަދި، ކަސްޓަމްސްގެ ކްލިއަރެންސް ލިބުމާއެކު އެ ތަކެތި މިނިސްޓްރީއަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ވެސް އެ ކުންފުނިން ވަނީ 10 ވެންޓިލޭޓަރެއް ރާއްޖެ ފޮނުވައިފައެވެ. ނަމަވެސް އެތަކެތި ހެލްތު މިނިސްޓްރީގެ ސްޕެސިފިކޭޝަނަށް ނުފެތޭތީ ބަލައިގެންފައެއް ނުވެއެވެ.

މިހާރު އެއާޕޯޓުގައި ހުރި 10 ވެންޓިލޭޓަރަކީ އޭގެ ބަދަލުގައި ފޮނުވި ވެންޓިލޭޓަރެވެ. އަދިވެސް ދުބާއީ ކުންފުނިން ހެލްތު މިނިސްޓްރީއަށް 65 ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހެއެވެ.

ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވެފައި ވާތީ، ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން ހޯއްދަވާނެ ކަމަށާއި އެތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ، ޝަރީއަތަށް ގޮސްގެންވެސް ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް މިހާރު އަންނަނީ ބަލަމުންނެވެ.