04 Sep 2020, 07:09
ނިއު ޔޯކް (ސެޕްޓެމްބަރު 4): ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާގެ ލަގަބު އެމެރިކާގެ ލިޔުންތެރިޔާ އަދި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް ހޯދައިފި އެވެ.
ބްލޫމްބާގް ބިލިއަނާ އިންޑެކްސްގައިވާ ގޮތުން ސްކޮޓްގެ މިލްކިއްޔާތުގެ އަގު މިހާރު ވަނީ 68 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އެހެންކަމުން އޭނާ ވަނީ މީގެ ކުރިން އެންމެ މުއްސަނދި އަންހެން މީހާގެ ލިސްޓުން ކުރި ހޯދި ލޯރެއާލްގެ ޗެއާޕާސަން ފްރަންސުވާސް ބެޓެންކޯ މަޔާސް ފަހަތަށް ޖައްސާލާފަ އެވެ. މަޔާސްގެ މިލްކިއްޔާތުގެ އަގު އަރަނީ 66.8 ބިލިއަން ޑޮލަރަށެވެ.
ސްކޮޓް އާއި ބޭޒޯސް މިދިޔަ އަހަރު ވަރިވި އިރު ސްކޮޓްއަށް ވަނީ އެމެޒޯންގެ 35 ބިލިއަން ޑޮލަރަށް ވުރެ އަގު ހުރި ހިއްސާ ލިބިފަ އެވެ. އަދި އޭނާ މިހާރު ވަނީ ދުނިޔޭގެ 12 ވަނަ އަށް އެންމެ މުއްސަނދި މީހާއަށް ވެފަ އެވެ.
މިދިޔަ އަހަރު ސްކޮޓް ވަނީ އޭނާގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެކި ޖަމްއިއްޔާތަކަށާއި ހަރަކާތްތަކަށް ހަދިޔާ ކުރާނެ ކަމަށް ވައުދުވެފަ އެވެ. އަދި މިދިޔަ ޖުލައި މަހު އޭނާ ވަނީ 116 ޖަމްއިއްޔާއަކަށް 1.7 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ނަސްލީ ތަފާތު ކުރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާތައް ހިމެނުނެވެ.
ބްލޫމްބާގް ބިލިޔަނާ އިންޑެކްސްގައިވާ ގޮތުން 198 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކު ބޭޒޯސް އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ.