ވޮޝިންޓަން (ސެޕްޓެމްބަރު 05) : ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުން ދެ ފަހަރަށް ވޯޓުލުމަށް ޓްރަމްޕް އެމީހުންނަށް އިލްތިމާސް ކުރުމުން އެމެރިކާގެ ބައެއް ސްޓޭޓްތަކުންނާއި ގާނޫނު ދަމަހައްޓަން މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުށްވެރިކޮށްފި އެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވަނީ ދެ ފަހަރަށް ވޯޓުލުމަކީ ގާނޫނީ ކުށެއްކަމަށް ސިފަކޮށް ދެފަހަރަށް ވޯޓުލާ މީހުންނަށް އަބަދު ދޭނެ ކަމުގެ އިންޒާރު ދީފައެ ވެ. އެމެރިކާގެ ގާނޫނީ ތަޖްރިބާކާރުން ވިދާޅުވެފައި ވަނީ ގަސްދުގައި ދެ ފަހަރަށް ވޯޓުލުމަކީ ގާނޫނީ ގޮތުން އަދަބުދެވޭނެ ކުށެއްކަމުގަ އެވެ. އަދި އެފަދަ ކުށްތަކަށް އަރައި ގަތުމަށް ގޮވާލުމަކީ ވެސް ކުށެއްކަމުގަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން އިންތިހާއަށް ގޮސްފައިވާއިރު ޓްރަމްޕް ގެންދަވަނީ އިންތިޚާބު ކާމިޔާބު ނުވެދާނެކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރައްވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މިކަމުގައި ޓްރަމްޕްގެ ވާދަވެރިޔާ ޖޯ ބައިޑެން އަށްވުރެ ވެސް ކަންބޮޑުވެވަޑައިގަންނަވަނީ ޓްރަމްޕެވެ. ޓްރަމްޕްގެ ސަޕޯޓަރުން ގެންދަވަނީ އޭނާ ކޮންމެ ގޮތަކަށް ކަންކުރެއްވި ނަމަވެސް ދިފާއުކޮށް އޭނާއަށް ކުރާ ތާއީދު ދަމަހައްޓަމުންނެވެ.

އުތުރު ކެރޮލައިނާގައި ބޭއްވި އެއްވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ރިޔާސީ އިންތިޚާބުގާޢީ ވޯޓުލުން ފެށުމާ އެކު ފުރަތަމަ ޕޯސްޓް މެދުވެރިކޮށް ވޯޓު ލުމަށް ފަހު ދެން ވޯޓުލާ ސްޓޭޝަންތަކަށް ގޮސް ދެ ވަނަ ފަހަރަށް ވޯޓުލުމަށް އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފަ އެވެ. މިކަމުގެ ބޭނުމަކީ ޓްރަމްޕަށް ވޯޓު އިތުރުކޮށް އޭނާ އަށް އިންތިޚާބު ކުރެވޭނެކަން ޔަގީން ކުރުންކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިގޮތަށް ގޮވާލެއްވުމުން އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެންގެ ކެންޕޭނުން ވަނީ އެމެރިކާގެ ގާނޫނުތަކާ ޚިލާފު އަމަލުތައް ހިންގުމަށް އެމެރިކާގެ ރައްޔިތުންނަށް ހިއްވަރު ދޭކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށްކޮށްފަ އެވެ. މިއީ ނުރައްކާތެރި ކަމެއްކަމަށް ވެސް ބައިޑެންގެ ކެންޕޭނުން ވަނީ ސިފަކޮށްފަ އެވެ.

ޓްރަމްޕް މިގޮތަށް ގޮވާލެއްވުމުން އެމެރިކާގެ ސްޓޭޓެއްކަމަށްވާ އުތުރު ކެރޮލައިނާގެ އިންތިޚާބާ ބެހޭ ކައުންސިލުން ވަނީ އެސްޓޭޓްގައި ދެފަހަރަށް ވޯޓުލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި އެމީހުން ހުއްޓުވާނެކަމުގެ އިންޒާރު ދީފަ އެވެ.

ކޮންގްރެސް މެންބަރެއް ކަމަށްވާ ބާނީ ސެންޑާސްވަނީ އިންތިޚާބުގައި ނާކާމިޔާބުވާނެ ކަމުގެ ހިތިރަހަ މިހާރު ވެސް ޓްރަމްޕަށް އިޙްސާސް ކުރެއްވޭ ކަމަށާއި ޓްރަމްޕަކީ ޑިމޮކްރަސީގެ އެއްވެސް އުސޫލަކަށް އަދި ހަމައަކަށް އިހްތިރާމް ނުކުރައްވާ ގާނޫނުނާއި ގަވައިދަށް ގޮންޖައްވާ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވާފަ އެވެ.

(ނޫސްއެޖެންސީތައް)