05 Sep 2020, 22:51
އައިސޮލޭޝަނަށް ގެންދާ މީހުން ފެސިލިޓީތަކަށް ގެއްލުންދޭކަން ފާހަގަވެފައިވާ ކަމަށާއި މިކަން ތަކުރާރު ވާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކަށް ބޮޑެތި ގެއްލުންތައް ދީފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.
"ފަރުދާ ކަފާލާފައި ހުރުމާއި ބެޑްޝީޓު ހަލާކުކޮށްލާފައި ހުރުމާއި ރޫމްގައި ހުންނަ އެކި ތަކެއްޗަށް ގެއްލުންދީފައި ހުންނަކަން އެބަ ފާހަގަ ކުރެވޭ. ބައެއް ފަހަރު ނުތާހިރުކޮށް ތަކެތި ގެންގުޅެފައި ރޫމްވެސް ވަރަށް ހަޑިކޮށް ހުންނަކަން ވެސް ފެސިލިޓީތަކުން ވަނީ ފާހަގަކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެސިލިޓީތަކަށް ދޭ ގެއްލުންތަކަށް އެއްވެސް ފަރާތެއްގެ މައްޗަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ދާން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ފެސިލިޓީތަކަކީ ސަރުކާރުން ވެސް ބޮޑުއަގު ދީފައި ކުއްޔަށް ނަގާފައި ހުންނަ ތަންތަންކަން ފާހަގަކުރައްވައި އެކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ސަރުކާރުން ކުއްޔަށް ނަގައިގެން މިތަންތަނުގައި މީހުން ބައިތިއްބަނީ. ފުދޭވަރެއްގެ ހޭދައެއް ވެސް ކުރަން ޖެހޭ. އެހެންވީމަ އެއްވެސް ތާކަށް ގެއްލުމެއް ލިބިއްޖެނަމަ ސަރުކާރުން އެ ބަދަލު އެބަ ދޭން ޖެހޭ. މިގޮތަށް ގިނައިން ތަކުރާރުވާނަމަ މަޖުބޫރުވާނެ އެ ގެއްލުން ދިން ފަރާތްތަކުން [ބަދަލު] އަނބުރާ ހޯދަން ވެސް، އަދި އިތުރު ފިޔަވަޅު ވެސް އަޅަން. ގިނައިން ތަކުރާރުވާނަމަ ފިޔަވަޅު އަޅަން ފަސްވެސް ނުޖެހޭނެ، މި ދެންނެވީ ބޭނުމެއް ނޫނޭ އެހިސާބަށް ދާން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުރިން ވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވެގެން އެ ވާހަކަ ދެއްކުމުން އެކަން ހައްލުވި ކަމަށެވެ. އެހެން ނަމަވެސް އަނެއްކާ ވެސް މި މައްސަލަ ފެންމަތިވުމުން އެކަން ތަކުރާރު ނުކުރުމަށާއި ފެސިލިޓީތަކުގައި ގޮސް ތިބޭއިރު ޒިންމާދާރުކަމާއެކު އަމަލުތައް ބެހެއްޓުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.