އަންކަރާ (ސެޕްޓެމްބަރު 7) : މެޓިޓަރޭނިއަން ކަނޑާއި އޭޖިޔަން ކަނޑު ގުޅިފައިވާ ހިސާބުގެ އިރު އުތުރުގައި ގްރީސް އާއި ތުރުކީއާ ދެމެދު އުފެދިފައިވާ އަރާރުންތައް ގޯހުން ގޯހަށް ދިޔުމާއެކު ތުރުކީ ސިފައިން އެސަރަހައްދުގައި ފުޅާދާއިރާއެއްގައި އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.

"މެޑިޓަރޭނިއަން ސްޓޯމް"

"މެޑިޓަރޭނިއަން ސްޓޯމް" ގެ ނަމުގައި ތުރުކީން ފެށި މިތަމްރީން ތަކުގައި ސައިފްރަސްގެ އުތުރު ފަޅީގައި އިޢުލާނުކޮށްފައިވާ "ޓާކިޝް ރިޕަބްލިކް އޮފް ނޯތް ސައިފްރަސް" ދައުލަތުގެ ލަޝްކަރުތަކުގެ ސިފައިންވެސް ބަރުހަތިޔާރާއެކު ބައިވެރިވެއެވެ. މިއީ ސައިފްރަސްގެ އުތުރުގައި ތުރުކީ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ދައުލަތެއް ނަމަވެސް އެދައުލަތަށް އިޢުތިރާފުވެފައިވަނީ ތުރުކީ އެކަންޏެވެ.

ތުރުކީގެ ކަނޑުގެ ސިފައިން

މި ތަމްރީންތަކުގެ ބޭނުމަކީ މެޓިޓަރޭނިއަން ކަނޑާއި އޭޖިޔަން ކަނޑު ގުޅިފައިވާ ހިސާބު އެސަރަހައްދުގެ އިރު އުތުރުގައި ތުރުކީގެ ބައްރާ ވަރަށް ކައިރިން ފެނިފައިވާ ގުދުރަތީ ގޭސް ފީލްޑަކީ ތުރުކީގެ ހައްގެއްކަން ކަށަވަރު ކުރުމާއި ތުރުކީން މިކަމުގައި ދޫނުދޭނެކަމާއި އަސްކަރީ ކުރިމަތިލުމަކަށް ދާންޖެހިއްޖެނަމަ ތުރުކީގެ ސަރަހައްދާއި ވަސީލަތްތައް ހިމާޔަތް ކުރުމަށްޓަކައި އެކަންކުރަންވެސް ތުރުކީ އޮތީ ތައްޔާރަށްކަން ގްރީސްއަށާއި ގްރީސް އަށް ވާގިވެރިވާ ފަރާތްތަކަށް އަންގައި ދިނުންކަމަށް ކުރިޔަށް ގެންދާ ތަމްރީންތަކެއްކަމަށް ތުރުކީގެ ދިފާއީ ވަޒީރު ޚުލޫސީ އަކާރު ވިދާޅުވިއެވެ.

ތުރުކީގެ ބައްރާ ތިން ކިލޯމީޓަރު ދުރުގައި ގްރީސްގެ ޖަޒީރާތައް

މެޓިޓަރޭނިއަން ކަނޑާއި އޭޖިޔަން ކަނޑު ގުޅިފައިވާ އެސަރަހައްދުގެ އިރު އުތުރުގައި ގާތްގަނޑަކަށް ތުރުކީގެ ބައްރާ ތިން ކިލޯމީޓަރާއި 15 ކިލޯމީޓަރުގެ ސަރަހައްދެއްގެ ކަނޑުގެ ބިމުގެ އަޑީގައި ގުދްރަތީ ގޭހުގެ ބޮޑު ގޭސްވަޅެއް ހުރިކަން ތުރުކީ ކުރަމުންގެންދާ ސާވޭތަކުން ވަނީ ކަށަވަރުވެފައެވެ. އެސާވޭތައް ފުރިހަމަނުވާތީ ތުރުކީގެ ކުންފުނިތަކުން އަދިވެސް ގެންދަނީ އެސާވޭގެ ކަންކަން ކުރަމުންނެވެ.

މިސަރަހައްދަކީ ގްރީސްގެ ގިނައަދަދެއްގެ ކުދި ޖަޒީރާތަކެއް ފެތުރިފައިވާ ސަރަހައްދެއްކަމުން ގްރީސް އިން ގެންދަނީ އެއީ އެގައުމުގެ ސަރަހައްދެއްކަމަށް ދައުވާ ކުރަމުންނެވެ. މެޓިޓަރޭނިއަން ކަނޑާއި އޭޖިޔަން ކަނޑު ގުޅިފައިވާ ހިސާބު ތުރުކީގެ ބައްރާ ގާތްގަނޑަކަށް 3 ކިލޯމީޓަރު ދުރުގައިވެސް ގްރީސްގެ ޖަޒީރާތައް އެބަހުއްޓެވެ. ތުރުކީގެ ބައްރާ ވަރަށް ކައިރީގައި ހަމަލޮލަށް ފެންނަ ފަށުގައި ގްރީސްގެ އެތަށް ޖަޒީރާއެއް ހުރިއިރު މިއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރިން އުޘްމާނީ ދައުލަތުގެ ގޮތުގައި ތުރުކީގައި އިސްލާމީ އެންމެ ފަހުގެ ޚިލާފަތު އޮތް ދުވަސްވަރު އެއީ ތުރުކީގެ ޖަޒީރާ ތަކެކެވެ.

ރައީސް އެރުދުޣާން ސިފައިންގެ ހަރަކާތެއްގައި

1920 ގައި ސޮއިކުރި "ޓްރިޓީ އޮފް ސީވާސް"

1914 ން 1918 އަށް ހިނގި ފުރަތަމަ ބޮޑު ހަނގުރާމައިގާ ތުރުކީ (އުޘްމާނީ ޚިލާފަތު) ބަލިވުމުން އެހަނގުރާމައިގާ ގަދަވި ދެބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއެކު މަޖްބޫރުވެގެން ތުރުކީއަށް ސޮއިކުރަންޖެހުނު "ޓްރިޓީ އޮފް ސީވާސް" އެއްބަސްވުމުގެ ދަށުން އެ ޖަޒީރާތައް އެކި ގައުމުތަކުގެ ދަށަށް އެކިފަހަރުމަތިން ގޮސް ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު އެޖަޒީރާތައް ލިބިފައިވަނީ ތުރުކީން ދުޝްމަނެއްކަމަށް ދެކޭ ގްރީސް އަށެވެ.

އެހެންކަމުން ތުރުކީން އަދިވެސް ދެކެނީ ތުރުކީގެ "ބަނޑުދަށުގައިވާ" އެޖަޒީރާ ތަކަކީ އެގައުމުގެ ޖަޒީރާތަކެއްގެ ގޮތުގައެވެ. ގޭސްފީލެޑއް ފެނުމާއެކު ތުރުކީއާއި ގްރީސްގެ އަރާރުން ބޮޑުވެ ދެގައުމުވަނީ އަސްކަރީ ކުރިމަތިލުމެއްގެ ތުންފަތް މައްޗަށް ގޮސްފައެވެ. މި އަރާރުން ހައްލުކުރުމަށް ނޭޓޯއިން ހުށަހެޅި ހުށަހެޅުމަށް ތުރުކީން މަރުހަބާ ކިޔާފައިވާއިރު ގްރީސްއިން ނޭޓޯގެ ހުށަހެޅުމަށް ތާއީދުކޮށްފައެއް ނުވެއެވެ.

ތުރުކީއާ ކުރިމަތިލުމަށް ގްރީސްއަށް ހިއްވަރު ދެނީ ފަރަންސޭސިވިލާތުން

ތުރުކީއާ ކުރިމަތިލުމުގައި ގްރީސްއަށް ހިއްވަރު ދެނީ ފަރަންސޭސިވިލާތުންނެވެ. ފަރަންސޭސިވިލާތަކީ ފުރަތަމަ ބޮޑުހަނގުރާމައިގާ ތުރުކީ (އުޘްމާނީ ޚިލާފަތު) ގެ މައްޗަށް ގަދަކަން ހޯދި ގައުމެއްގެ އިތުރުން ފަރަންސޭސިވިލާތަކީ ތުރުކީގެ ބިންތައް ފޭރިގަތުމަށްޓަކައި 1920 ވަނަ އަހަރު ތުރުކީ (އުޘްމާނީ ޚިލާފަތު) ނިކަމެތި ކޮށްލުމުގެ މަގްސަދުގައި "ޓްރިޓީ އޮފް ސީވާސް" އެއްބަސްވުމުގައި ސޮއިކުރަން ތުރުކީއަށް މަޖްބޫރުކުރި ދެގައުމުން އެއްގައުމެވެ. އަނެއް ގައުމަކީ އެދުވަސްވަރުގެ ބޮޑު ބާރުކަމަށްވާ އިނގިރޭސިވިލާތެވެ.

ތުރުކީއާއި ގްރީސްއާ ދެމެދު ފެށިފައިވާ މިއަރާރުމުގައި އެމެރިކާވަނީ އެއްވެސް ކޮޅަކަށް ތާއީދުކުރުމަށް ފަސްޖެހިފައެވެ. އަދި އެމެރިކާގެ އެއްވެސް ދައުރެއްވެސް މިކަމުގައި ފެންނާކަށް ނެތެވެ. (ނޫސްއެޖެންސީތައް)