10 Sep 2020, 08:20
އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އަނެއްކާާވެސް މަދުކުރަން ނިންމައިފި އެވެ.
އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮމާންޑަރު ޖެނެރަލް ފްރޭންކް މެކިންޒީ ސިފައިންގެ އަދަދު 5200 އިން 3000 އަށް މަދުކުރަން މިމަހު ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ އިރާގުގެ ސިފައިންގެ ގާބިލްކަން އިތުރުވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފަހަކަށް އައިސް ކޮރޯނާ ވައިރަސްއާ ގުޅިގެން އިރާގުގެ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްތައް އެމެރިކާއިން ވަނީ މަޑުޖައްސައިލައިފަ އެވެ.
އިރާގުގައި ހަރަކާތްތެރި އައިއެސް ޖަމާއަތް ބަލިވުމާ ގުޅިގެން އެމެރިކާއިން ދިޔައީ އިރާގުގައި ތިބި ސިފައިންގެ އަދަދު މިދިޔަ މާޗު މަހުންފެށިގެން މަދުކުރަމުންނެވެ.
ދާދި ފަހުން އެމެރިކާއިން މަރާލި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރާގުޅިގެން އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އެގައުމުގެ ސިޔާސީ އިސް ބޭފުޅުން ދަނީ ވަރަށް ބޮޑަށް ފިއްތަމުންނެވެ.
ސީއެންއެންއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާގޮތުގައި އެމެރިކާއިން ވަނީ އަފްގާނިސްތާނުގައި ތިބޭ އެގައުމުގެ ސިފައިންގެ އަދަދު 8600 އިން 4500 އަށް މަދުކުރުމަށް ނިންމައިފަ އެވެ. އަދި ދާދި ފަހުން އެމެރިކާއިން ތަލިބާނުންނާ ހެދި އެއްބަސްވުމެއްގެ ދަށުން އޭގައިވާ ކަންތައްތަކަށް ތަލިބާނުން ފުރިހަމައަށް އަމަލުކޮށްފިނަމަ އަންނަ އަހަރު އޭޕްރީލްގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން ބާލާނެ އެވެ.