14 Sep 2020, 23:36
ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެހެނިހެން ބަލިތައް ނުވަތަ ކޮމޯބިޑިޓީޒް ހުރި 700 އަށްވުރެ ގުނަ މީހުން ތިބި ކަމަށާއި އަދި އޭގެ ތެރޭގައި އެއް ބައްޔަށް ވުރެ ގިނަ ބަލިތައް ތަހައްމަލް ކުރާ މީހުން ގިނަކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ.
އެޗްއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮމޯބިޑިޓީޒް ހުރި މީހުންނާއި މާބަނޑު މީހުންގެ ނަންބަރުތައް ހިއްސާކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް މާބަނޑު 53 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެހެނިހެން ބަލިތަކުގައި އުޅޭ މީހުންގެ ޖުމްލައަށް ބަލާއިރު، މިހާތަނަށް 742 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެއް ބައްޔަށް ވުރެ ގިނަ ބަލީގައި އުޅޭ 216 މީހަކު ހިމެނެއެވެ.
ވަކިވަކި ބަލިތަކުގެ ތެރެއިން، އެންމެ ގިނައީ ހިތުގެ ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ. އެގޮތުން މިހާތަނަށް ހިތުގެ ބަލި ހުންނަ 164 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ.
ދެން އެންމެ ގިނައީ، ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނެވެ. ހަކުރު ބަލީގެ 111 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ފުއްޕާމޭގެ ބަލިތައް ތަހައްމަލު ކުރަމުން އަންނަ 85 މީހަކަށް ވެސް ކޮވިޑް ޖެހިފައިވެއެވެ.
ހަމައެއާއެކު އެކި ކަހަލަ އެލާޖިކް ޑިޒްއޯޑާ ހުންނަ 45 މީހަކާޢި އެންޑޯކްރައިން ޑިޒްއޯޑާތަކުގައި އުޅޭ 44 މީހަކާއި، ނާރުގެ ބަލިތައް ހުންނަ 40 މީހަކާއި، ނަފްސާނީ މައްސަލަތައް ހުންނަ 24 މީހަކަށް ވެސް ކޮވިޑް19 ޖެހިފައިވެއެވެ.
"އެހެންވީމަ މީގެން އާޅުގަނޑުމެން ނަގަންވީ އެއްޗަކީ މިހާރު ކޮމޯބިޑިޓީޒް ވެސް ޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުން ދާތީ ވަކިން ހާއްސަގޮތެއްގައި އެބޭފުޅުންނަށް ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ގޭގައި ހައި ރިސްކް ކެޓަގަރީއަށް ފެތޭ މީހުން އުޅޭނަމަ، އެންމެ ރައްކާތެރި ގޮތަކީ ބޭރުގައި އުޅެފައި ގެއަށް ވަންނަ މީހާ އަތް ދޮވުމުގެ އިތުރުން ލައިގެން ހުންނަ ހެދުން ބަދަލުކޮށް ފެންވަރައިގެން އެފަދަ މީހުންނާ މުއާމަލާތް ކުރުން ކަމަށެވެ.
އަދި އެފަދަ ބަލި މީހުން އުޅޭ ގޭގޭގެ މީހުން ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށާއި، އަދި ބޭރަށް ދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.
މިހާތަނަށް ރާއްޖެއިން 9،243 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1668 އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން 33 މީހަކު ވަނީ މަރުވެފަ އެވެ.